އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމު ހުއްޓާލުމާ ގުޅޭ ގޮތުން އިސްރާއީލްގެ ރުހުމާއެކުގައި އެމެރިކާ އިން އެކުލަވާލި މަގުޗާޓަށް ޖަރުމަނުން މަރުހަބާ ކިޔައިފިއެވެ.

ޖަރުމަނުގެ ފޮރިން މިނިސްޓަރު އަނަލެނާ ބައޭބޮކް ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާން ކުރެއްވި މަގުޗާޓުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމުގެ އުންމީދު އާވެފައިވާ ކަމަށެވެ.

"މިހާރު ހަނގުރާމަ ހުއްޓާލުމާ މެދުގައި ގޮތެއް ނިންމުން އޮތީ ހަމާސްގެ އަތްމަތީގައި،" ޖަރުމަނުގެ ފޮރިން މިނިސްޓަރު އެކްސްގައި ވިދާޅުވިއެވެ.

ބައިޑަން އިއުލާން ކުރެއްވި މަގުޗާޓް

ފުރަތަމަ ފިޔަވަހީގައި ހަ ހަފްތާ އަށް އިސްރާއީލުން ޣައްޒާއަށް ހަަމަލާތައް މެދުކަނޑާލަން ޖެހެއެވެ. މި މުއްދަތުގައި ޣައްޒާގެ ބައިބޯ ހުރިހާ ސަރަހައްދަކުން އިސްރާއީލްގެ ސިފައިން ފައިބަން ޖެހެއެވެ. އަދި މިހަފްތާ ތެރޭގައި ހަމާސް އިން ރަހީނުކޮށްފައިވާ އިސްރާއީލުގެ ބައެއް އަސީރުން މިނިވަން ކުރަން ޖެހެއެވެ. އޭގެ ތެރެގައި އަންހެނުންނާއި މުސްކުޅިން އަދި ޒަހަމްވެފައިވާ މީހުން ހިމަނަން ޖެހެއެވެ. އެ މީހުންގެ ތެރޭގައި އެމެރިކާގެ އަސީރުން ހިމެނުން އެއީ މަޖުބޫރު ކަމެއް ގޮތުގައި ހިމަނާފައި ވެއެވެ. ހަމާސް އިން މިނިވަން ކުރާ މަދު އަސީރުންގެ ބަދަލުގައި އިސްރާއީލުން ފަލަސްތީނުގެ އެތައް ބަޔަކު މިނިވަން ކުރަން ފުރަތަމަ ފިޔަވަހީގައި ހިމަނާފައި ވެއެވެ.

ދެވަނަ ފިޔަވަހީގައި ހަމާސް އިން ހިފަހައްޓާފައިވާ އިސްރާއީލުގެ މަރުވެފައިވާ މީހުންގެ ހަށިތައް އިސްރާއިލަށް ފޮނުވަން ޖެހެއެވެ. މި ފިޔަވަހީގައި މަގުމަތިކޮށްފައިވާ ޣައްޒާގެ ހުރިހާ ރައްޔިތުންނަށް އެ މީހުން ނިސްބަތްވާ ސަރަހައްދުތަަކަށް ދިއުމަށް ފުރުސަތު ދޭން ޖެހެއެވެ. އޭގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ މީހުން ދިއުމަށް ދެކޮޅު ހަދާ ޣައްޒާގެ އުތުރު ސަރަހައްދުވެސް ހިމަނަން ޖެހެއެވެ. އަދި ދުވާލެއްގެ މައްޗަށް 600 ޓްރަކްގެ އެހީގެ ތަކެތި ޣައްޒާއަށް ފޮނުވަން ޖެހޭއިރު، ބައިނަލްއަގްވާމީ އެކި ފަރާތްތައް މެދުވެރިވެ، ޣައްޒާއަށް އެތައް ލައްކަ ޓެންޓް ފޮނުވާ މީހުން ވަގުތީގޮތުން ދިރިއުޅެވޭ ގޮތް ހަދަން ޖެހެއެވެ.

ތިން ވަނަ ފިޔަވަހީގައި ޣައްޒާ އަލުން އާރާސްތު ކުރުމަށް ޕްލޭނެއް ހަދަން ޖެހެއެވެ. މި ފިޔަވަހީގައި ހަނގުރާމަ އެކީ ހުއްޓާލާ އިސްރާއީލުން މުޅި ޣައްޒާއިން ފައިބަން ޖެހެއެވެ. އަދި ހަމާސް އިން ހިފަހައްޓާފައިވާ ބާކީ ތިބި އަސީރުން މިނިވަން ކުރަން ޖެހެއެވެ.

ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމު ވީ އެންމެ އަވަހަށް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އިނގިރޭސި ވިލާތުގެ ފޮރިން މިނިސްޓަރު ޑޭވިޑް ކެމަރޮން ވެސް ވަނީ ވިދާޅުވެފައެވެ.