މެކްސިކޯގެ އާ ރައީސަކަށް އަންހެން ބޭފުޅަކު އިންތިހާބުކޮށްފިއެވެ. މިއީ މެކްސިކޯގައި އަންހެން ބޭފުޅަކު ރައީސްކަން ކުރައްވާ ފުރަތަމަ ފަހަރެވެ.

އެ ގައުމުގެ ސިޔާސީ ތާރީހުން މުޅިން އާ ޝަރަފެއް ހޯއްދަވާ އާ ރައީސަކަށް ހޮވާފައިވަނީ އުމުރުން 61 އަހަރުގެ ކްލައުޑިއާ ޝީމްބޯމްއެވެ.

މެކްސިކޯގެ ރައީސްކަމުގެ މަގާމަށް އޭނަ އިންތިހާބުވެވަޑައިގަތް އިރު، މިހާރުގެ ރައީސް އެންޑްރޭސް މެނުއެލް ޕެރޭޒް އޮބްރާޑޯގެ ވަރަށް ބޮޑު ތާއިދެއް ވަނީ ކްލައުޑިއާއަށް ލިބިވަޑައިގެންފައެވެ. ކްލައިޑީ ވަނީ މީގެކުރިން މެކްސިކޯ ސިޓީގެ މޭޔަރުކަން ވެސް ކުރައްވާފައެވެ.

ކްލައިމެޓް ސައިންޓިސްޓެއް ކަމަށްވާ ކްލައުޑިއާ އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ ވަގުތީ 60.7 ޕަސެންޓް ވޯޓާ އެކީގައި ކަަމަށް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދަައްކައެވެ.

އޭނައާ ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓް ޒޮޝިލް ގަލްވޭޒަށް ލިބިވަޑައިގަތީ 28.6 ޕަސެންޓް ވޯޓެވެ.

އިންތިހާބުގައި ލިބިވަޑައިގަތް ކާމިޔާބީއާ ގުޅިގެން ސަޕޯޓަރުންނާ މިއަދު ބައްދަލު ކުރައްވައި ކްލައުޑިއާ ވަނީ އޭނަ އަށް ރައްޔިތުން ކުރެއްވި އިތުބާރާއި ތާއިދަށް ޝުކުރު ދަންނަވާފައެވެ. އަދި މި ކާމިޔާބީ އަކީ މެކްސިކޯގެ ތާރީހުގައި ވެސް ލިބިވަޑައިގަތް ވަރަށް ފަހުރުވެރި ކާމީޔާއެއްކަން ގަބޫލު ކުރައްވާ ކަމަށް ކްލައުޑިއާ ވަނީ ވިދާޅުވެފައެވެ.

"ގައުމުގެ ފުރަތަމަ އަންހެން ރައީސަށްވުމަކީ ވަރަށް ވެސް ފަހުރުވެރި ކާމިޔާބީއެއް،". ކްލައުޑިއާ ވިދާޅުވިއެވެ.