މެކްސިކޯގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެގައުމުގެ ރައީސްކަމަށް އަންހެން ކަނބަލަކު އިންތިހާބުވިތާ އެއް ދުވަސް ވެސް ނުވަނީސް އެގައުމުގެ އަންހެން މޭޔަރަކަށް ހަމަލާދީ އަވަހާރަކޮށްލައިފިއެވެ.

މެކްސިކޯގެ އާ ރައީސްއަކަށް، އުމުރުން 61 އަހަރުގެ ކްލައުޑިއާ ޝީމްބޯމް އިންތިހާބު ވެފައިވަނީ އިއްޔެ ކުރިއަށް ގެންދިޔަ އިންތިހާބުގައެވެ. މި އިންތިހާބު އޭނާ ކާމިޔާބު ކުރުމާއި އެކީ، އެގައުމުގެ ބައެއް ސަރަހައްދުތަކުގައި އަންނަނީ ހަމަނުޖެހުން އިތުރުވަމުންނެވެ.

އެގޮތުން އޭނާ އިންތިހާބުވިތާ 24 ގަޑިއިރު ވެސް ނުވަނީސް، ހުޅަނގު މެކްސިކޯގެ މިޗޯކަން ސްޓޭޓުގެ ކޮޓީގެ މޭޔަރު، ޔޮލަންޑާ ސަންޗޭޒް ފިގޯރީ (72 އ) ވަނީ އަވަހާރަކޮށްލާފައެވެ. އޭނާ އަވަހާރަކޮށްލާފައިވަނީ މިދިޔަ ހޯމަ ދުވަހު ޖިމަށް ވަޑައިގަތުމަށްފަހު، އޭނާގެ ބޮޑީ ގާޑާއި އެކީ ގެއަށް ވަޑައިގަތް މަގުމަތީގައެވެ. ބަޑިން ހަމަލާދީ އޭނާ އަވަހާރަ ކޮށްލާފައިވާއިރު، އޭނާއާއި އެކީ ދިޔަ ބޮޑީ ގާޑު ވެސް މަރާލާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާގެ ހަށިގަނޑު 19 ތަނަކަށް ވަނީ ބަޑިން ހަމަލާދީފައެވެ.

މި ހަމަލާ އެގައުމުން ކުށްވެރިކޮށްފައިވާއިރު، މި ހަމަލާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ހަމަލާދިން މީހުން ހައްޔަރު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާއަށް ހަމަލާދީފައިވަނީ ވޭނެއްގައި ދިޔަ ބައެކެވެ.

އުމުރުން 72 އަހަރުގެ ސަންޗޭޒް އަވަހާރަކޮށްލާފައިވާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ޖަލިސްކޯގެ ސިޓީއެއް ކަމަށްވާ ގުއަޑަލަޖަރާގެ މޯލަކުން ނުކުމެގެން ދަނިކޮށް އޭނާ ވަނީ ރަހީނު ވެސް ކޮށްފައެވެ. އޭގެ ތިން ދުވަސް ފަހުން އޭނާ ފެނިފައިވާ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ސަންޗޭޒް މޭޔަރު ކަމަށް އިންތިހާބު ކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ.