ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އުތުރުގެ ހިސާބުތަކަށް ހަމަލާތަކެއް ދީފި ކަމަށާއި މި ހަމަލާތައް އައުމުގެ ކުރިން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ޤާއިމުކޮށްފައިވާ ދިފާއީ ސައިރެން މަސައްކަތް ކޮށްފައިނުވާ ކަމަށް ޔަހޫދީ އިސްރާއީލުން ބުނެފިއެވެ.

ލުބުނާންގެ ދެކުނުގެ ސަރަހައްދުތައް ކޮންޓްރޯލް ކުރަމުންދާ ހިޒްބުﷲ ޖަމާއަތުގެ މުޖާހިދުން ރޮކެޓް ހަމަލާތަކެއް ދީފައިވަނީ ޔަހޫދީ އިސްރާއީލްގެ އުތުރުގައި އޮންނަ ގަލިލީ ސަހަރުގެ ހަރްފައިޝް އަވަށަށެވެ. މި ހަމަލާތައް އަމާޒަށް ވާޞިލްވެފައިވާ ކަމަށާއި މި ހަމަލާތައް ހުއްޓުވުމަށް ޔަހޫދީންގެ ވައިގެ ދިފާއީ ނިޒާމުން އެއްވެސް ހަމަލާއެއް ފޮނުވާފައި ނުވާ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ވަނީ ބުނެފައެވެ. މީގެ އިތުރުން ވައިގެ ދިފާއީ ނިޒާމުގެ ބައެއް ކަމަށްވާ ހަމަލާއެއް އައުމުގެ ކުރިން އަޅާ ނުރައްކަލުގެ ސައިރެން ވެސް މި ފަހަރު އަޅާފައި ނުވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އިސްރާއީލްގެ ގަލިލީ ސަހަރުގެ ހަރްފެއިޝް އަވަށުގެ ރައްޔިތުންނަށް މި ހަމަލާ ކުރިން އަންނަކަން ނޭނގުމުގެ ސަބަބުން ޔަހޫދީން މި ހަމަލާއިން ސަލާމަތް ވުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމުގެ ސަބަބުން އިސްރާއީލްގެ ހަރްފައިޝް އަވަށުން 11 މީހުން ވަނީ މި ހަމަލާތަކުގައި ޒަހަމްވެފައި ކަމަށް އިސްރާއީލްގެ މިނިވަން ނޫހެއް ކަމަށްވާ ހާރެޓްޒް އިން ވަނީ ރިޕޯޓްކޮށްފައެވެ.

ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތާއި ދެކޮޅަށް ވަރުގަދަ ހަނގުރާމަ އަކަށް ޔަހޫދީ އަސްކަރިއްޔާގެ ފައުޖުތައް ތައްޔާރުވަމުންދާ ކަމަށް ބުނެ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ފޯސް ހަލެވި ވަނީ އިއްޔެ އިންޒާރުދީފައެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ދަނީ ޔަހޫދީ އިސްރާއީލްގެ އުތުރުގެ ސަރަހައްދުތަކަށް ވަރަށް ވަރުގަދަ އަށް ހަމަލާދެމުންނެވެ. ރައްދުގައި ޔަހޫދީ އިސްރާއީލުން ވެސް ދަނީ ލުބުނާނުގައިވާ ހިޒްބުﷲ ގެ އަސްކަރީ އަމާޒުތަކަށް ވަރަށް ވަރުގަދަ އަށް ވައިގެ ހަމަލާދެމުންނެވެ.