އިނގިރޭސިވިލާތުގެ އާންމު އިންތިހާބުގައި ވާދަކުރާ އެ ގައުމުގެ ކެނޑިޑޭޓެއްގެ މޫނަށް މިލްކުޝޭކް ޖެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.

މި ހަފްތާގެ ކުރީކޮޅު އިނގިރޭސިވިލާތުގެ އިންތިހާބުގައި ވާދަކުރާކަން އިއުލާން ކުރި އުމުރުން 60 އަހަރުގެ ނައިޖަލް ފަރާޖް ކެމްޕޭން ހަރަކާތެއްގެ ތެރޭގައި ހުއްޓައި އަންހެނަކު ވަނީ އޭނާގެ މޫނުގައި މެކްޑޮނަލްޑްސްގެ ބަނާނާ މިލްކުޝޭކަކުން ޖަހާފައެވެ. މިމައްސަލައިގައި ހައްޔަރު ކުރީ އުމުރުން 25 އަހަރުގެ ވިކްޓޯރިއާ ތޯމަސް ބޯވެންއެވެ.

އޭނާގެ މައްޗަށް ކުރަނީ މާރާމާރީ ހިންގުމުގެ ދައުވާކަމަށް ބީބީސީން ބުނެއެވެ. އެސެކްސް ޕޮލިސްއާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ވިކްޓޯރިއާ ތޯމަސް ބޯވެން، ކޮލްޗެސްޓާ މެޖިސްޓްރޭޓްސް ކޯޓަށް ހާޒިރުވާން ޖެހޭނީ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ.

ވިކްޓޯރިއާ ތޯމަސް ބޯވެން، ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރަން ނިންމާފައިވާއިރު، އިމަޖެންސީގައި މަސައްކަތް ކުރާ މީހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން 44 އަހަރުގެ މީހަކުވެސް ވަނީ އެ ކޯޓުން ދޫކޮށްލާފައެވެ. އޭނާއަށް އިތުރު ފިޔަވަޅެއް އަޅަން ނުޖެހޭނެ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ފަރާޖް ކެމްޕޭން ބަހަކަށް އަރަން އުޅެނިކޮށް މެކްޑޮނަލްޑްސްގެ ތައްޓަކަށް އަޅާފައިވާ މިލްކުޝޭކުން ވަނީ އޭނާގެ މޫނަށް ޖަހާފައެވެ. އޭނާ އިންތިހާބަށް ކުރިމަތިލާނެކަން އިއުލާންކޮށްފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. މީިސްމީިޑިއާގައި ދައުރުވަމުންދާ ވީޑިއޯއަށް ޖޯކު ޖަހަމުން ފަރާޖް ބުނެފައިވަނީ އޭނާގެ މޫނަށް ޖަހާލި މިލްކްޝޭކާއެކީ ކެމްޕެއިން ހަރަކާތް އިތުރަށް ފުރިހަމަވެ ގިނަ ބަޔަކު އެތަނަށް ޖަމާވި ކަމަށެވެ.

ހޯމް ސެކްރެޓަރީ ޖޭމްސް ކްލީވަރލީ ވަނީ މި ހަމަލާ ކުށްވެރި ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިފަދަ ހަމަލާއެއް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ޚިޔާލުތަފާތުވި ނަމަވެސް އެކަން ދައްކަން ޖެހޭނީ ވޯޓުން ކަމަށެވެ.

މިއީ ފަރާޖްގެ މޫނަށް މިލްކުޝޭކް ހަމަލާއެއް ކުރިމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. 2019 ވަނަ އަހަރު ނިއުގައި ކެމްޕޭން ކުރަމުން ދަނިކޮށްވެސް އޭނާގެ ގަޔަށް ދޮންކެޔޮ އާއި ލޮނު ކެރެމަލް އަޅާފައި ހުރި މިލްކްޝޭކެއްވަނީ ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގައުމުގެފަރުދަކު

    ރީދޫ ވެރިން ބަވާނެ އިޒުރާއީލުއެމެރިކާ އިގެރޭސްވިލާތައްބަސްބުނައްޔާ؟

  2. ސދސފ

    ބިޔަރެއް ޖެހިކަމަށް ޓުވީޓުގައި އޮތީ. ބިޔަރު ކިހިނެއްތަ މިލްކްސޭކަކަށް ވީ ލޮލް.