މެކްސިކޯގެ ރެއިލްވޭ ސްޓޭޝަނެއްގައި ސެލްފީ ނަގަމުން ދިޔަ އަންހެނަކު ފަހަތުން އައި ރޭލެއްގައި ޖެހި މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މިސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެނިގެން ދިޔައީ ކުޑަކުއްޖަކާ އެކު ހުރި އަންހެނަކު ސެލްފީ ނަގަން ރޭލު ދަގަނޑާ ކައިރިވި ވަގުތު އައި ރޭލުގައި ޖެހި މަރުވާ ތަނެވެ. ރޭލުގައި ޖެހުމާ އެކުގައި އޭނާ މަރުވެގެން ވެއްޓުނުތަން ވީޑިއޯ އިން ފެނިގެންދެއެވެ.

ސެލްފީ ނެގުމަށްޓަކައި ރޭލު ދަގަނޑާ ކައިރިވެ އެއް ކަކޫ މައްޗަށް ތިރިވެ އިނދެ ސެލްފީއަށް ބޯ އަރިކޮށްލި ވަގުތު އައި ރޭލުގެ ކަނެއްގައި ބޯ ޖެހި އޭނާ ވެއްޓުނުތަން ފެނިގެން ދިޔައެވެ. އެ ވެއްޓުނު ގޮތަށް އޭނާ މަރުވީއެވެ. ކައިރީގައި ހުރި މީހަކު ވަގުތުން އަންހެންމީހާ ދަމާފައި ދުރަށް ގެނެސް އޭނާއަށް ހޭވެރިކަންވޭތޯ މަސައްކަތްކުރިއެވެ.

މެކްސިކޯގެ ކަމާއި ބެހޭ އިދާރާތަކުން ބުނީ އެ އަންހެން މީހާއަކީ އުމުރުން 20 އަހަރުގެ މީހެއް ކަމަށާއި ކައިރީގައި ހުރީ އޭނާގެ ދަރިފުޅު ކަމަށެވެ.

ކެނެޑީއަން ޕެސިފިކް 2816 ގެ ނަމުގައި އުފައްދާފައިވާ 'އެމްޕްރެސް' އަކީ 1930 ވަނަ އަހަރު އުފެއްދި ސްޓީމް އިންޖީނެއް އަޅާފައިވާ ރޭލެކެވެ. ފައިނަލް ސްޕައިކް ސްޓީމްގެ ބައެއްގެ ގޮތުގައި ކެނެޑާ، އެމެރިކާ އަދި މެކްސިކޯ ހުރަސްކުރުމަށް އޭޕްރީލް މަހު ކެލްގަރީން މި ރޭލު ވަނީ ދަތުރު ފަށާފައެވެ. މި އެކުވެރިކަމުގެ ދަތުރު ނިންމާލާނީ އަންނަ ހުކުރު ދުވަހު މެކްސިކޯ ސިޓީގައެވެ. އަނެއްކާވެސް މި ރޭލު އަންނަ ޖުލައި މަހު އެނބުރި ކެނެޑާއަށް ދާ ގޮތަށް ވަނީ ނިންމާފައެވެ.

މެކްސިކޯގެ ގިނަ ބަޔަކު މިރޭލު ބަލާލުމަށް ދަނީ އެކި ސަރަހައްދުތަކަށް ޖަމާވަމުންނެވެ.

ކެނެޑާގެ ޕެސިފިކް ކެންސަސް ސިޓީ (ސީޕީކޭސީ) ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހާދިސާއާ މެދު ހިތާމަކުރާ ކަމަށާއި ފުރިހަމަ ތަހުގީގެއް ހިންގުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރޭލު ދަތުރުކުރަމުންދާ ތަން ބަލަން ބޭނުންވާ ހުރިހާ މީހުން މަދުވެގެން 10 މީޓަރު ދުރުގައި ތިބުމަށާއި ރޭލަށް އެރުމަށް ނުވަތަ ރޭލުގައި އަތްލުމަށް މަސައްކަތް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.