ރޭގައި ފަލަސްތީނުގެ ޣައްޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕަށް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ދިން އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ޔަތީމު އެތައް ކުޑަ ކުއްޖަކަށް ވެސް ފަރުވާދީފައިވާނެ ކަމަށް ފަލަސްތީނުގެ ޣައްޒާގެ ޑެއިރް އަލް ބަލަހް ގެ އަލް އަޤްޞާ ހޮސްޕިޓަލް ގައި މަސައްކަތް ކުރާ ޑޮކްޓަރަކު ބުނެފިއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ފަލަސްތީނުގެ ޣައްޒާގެ އެކި ހިސާބުތަކަށް ވަރަށް ވަރުގަދަ އަށް ރޭގައި ހަމަލާތައް ދީފައެވެ. އެގޮތުން ވައިގެ މަގުން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ އަސްކަރީ މަތިންދާ ބޯޓުތައް ދިޔައީ ޣައްޒާގެ އާންމު ރައްޔިތުން ދިރިއުޅޭ ހުރިހާ ހިސާބަކަށް ބޮން އަޅަމުންނެވެ. އަދި އެއްގަމު މަގުން ވެސް ޔަހޫދީންގެ އަނިޔާވެރި ސިފައިން ދިޔައީ ބޮޑު ބަޑިން ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ނުސައިރަތު ރެފިއުޖީ ކޭމްޕަށް މުޅި ރޭ އެއްކޮށް ހަމަލާދެމުންނެވެ.

"އަހަރެމެން އައިސީ ޔޫގައި ވެސް 20 ވަރަކަށް މީހުންނަށް ފަރުވާ ދިނިން. އެއީ ހަމަ އެކަނި ބޮލުގެ ޒަހަމްތަކަށް. އެމީހުންގެ ހާލު ވަރަށް ސީރިއަސް. އަދި ވަރަށް ތުއްތު ދެ ކުޑަކުދިން ވެސް ވަނީ ނިއުރޯ ސާޖިކަލް ވޯޑުގައި އަޑްމިޓް ކުރެވިފަ. އެ ކުދިންގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އަދި އެތަނުން އެއް ކުއްޖެއްގެ ބޮލުގެ އޮޕަރޭޝަނެއް ވަނީ އެމަޖެންސީ ގައި ކޮށްފަ. ރަނގަޅު ސިއްހީ ފަރުވާދޭ ސާމާނުތައް ނެތުމުން ވަރަށް އުދަނގޫ މި ކަހަލަ އޮޕަރޭޝަން ތައް ކުރަން" އަލް އަޤްޞާ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރެއް ކަމަށްވާ ޖަމާލް ސަލްހާ އަލް ޖަޒީރާ އަށް މައުލޫމާތު ދެމުން ބުންޏެވެ.

އޮޕަރޭޝަން ކުރި ކުޑަ ކުއްޖާގެ މަައިންބަފައިން އެ ކުއްޖާ އާއި އެކީ ނެތް ކަމަށާއި ބޮޑަށް ބެލެވެނީ ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި އެ ތުއްތު ކުއްޖާގެ މައިންބަފައިން ޝަހީދުވީ ކަމަށް ޑޮކްޓަރ ސަލްހާ އަލް ޖަޒީރާ އަށް ދިން އިންޓަވިއުގައި ބުނެފައިވެއެވެ.

ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާ އިން ޝަހީދުވި އާންމު ރައްޔިތުންގެ އަދަދު ވަނީ 38،000 އަށް ވުރެ މައްޗަށް އަރާފައެވެ.