ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާ އިނގިރޭސިވިލާތުގެ ވެރި ރަށް ލަންޑަނުގައި ބޮޑު މުޒާހަރާ އެއް ކޮށްފިއެވެ.

ސުލްހަވެރި މި މުޒާހަރާ އިންތިޒާމް ކުރި ފަރާތުން އަލް ޖަޒީރާ އަށް ބުނެފައިވަނީ މި މުޒާހަރާގެ މަޤްޞަދަކީ ފަލަސްތީނުގެ ރައްޔިތުންނާއި އެކީ އިނގިރޭސިވިލާތުގެ ރައްޔިތުން ތިބިކަން ދުނިޔެ އަށް ސާބިތުކޮށްދިނުން ކަމަށާއި އިސްރާއީލްގެ އަނިޔާވެރި ހަމަލާތަކާއި ގުޅިގެން އިނގިރޭސި ސަރުކާރުން އެއްޗެއް ނުބުނި ނަމަވެސް އިނގިރޭސި ރައްޔިތުން އެ ކަމާއި މެދު ނުރުހޭ ކަން މުޅި ދުނިޔެއަށް ދެއްކުން ކަމަށެވެ.

" މި މުޒާހަރާގެ މަޤްޞަދު އަހަރެމެންނަށް ވަނީ ހާޞިލްވެފައި އެއީ އަހަރެން ބޭނުމީ މުޅި ދުނިޔެއަށް އަންގައިދޭން އިނގިރޭސި އާންމު ރައްޔިތުންނަކީ އަނިޔާވެރިކަމާއި ދެކޮޅު ބައެއް ކަން . އިސްރާއީލުން ފަލަސްތީނުގެ ބިމުގައި އެ ކުރަނީ ހަނގުރާމަ އެއް ނޫން. އެމީހުން އެ ހިންގަނީ ޤަތުލްއާންމެއް. އެއީ ފަލަސްތީނުގެ ނަސްލު އެ ބިމުން ފުހެލަން" މުޒާހަރާ އިންތިޒާމްކުރި ފަރާތުން ނެރުން ބަޔާނެއްގައި ވެއެވެ.

އިނގިރޭސިވިލާތުގެ ވެރި ރަށް ލަންޑަނުގައި ކުރިއަށްދާ މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވެއެވެ. އަދި ފަލަސްތީނުގެ ހައްޤުގައި ވަކާލާތު ކުރުމަށް ދުވަހަކަށް ވުރެ ދުވަހެއް މީހުން ދަނީ އިތުރުވަމުން ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

މުޒާހަރާ އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ކުރިއަށް ގެންދާ މުޒާހަރާތައް މެދުކަނޑާ ނުލާނެ ކަމަށާއި މިހާރު އެންމެ ބޮޑު އަޒުމަކީ އިސްރާއީލްގެ އަނިޔާވެރިކަން ކުށްވެރިކުރަން އިނގިރޭސި ސަރުކާރަށް ޕުރެޝަރ ކުރުން ކަމަށެވެ.