ފަލަސްތީނުގެ ހަމާސްގެ މުޖާހިދުން، އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައި އަސީރުންގެ ގޮތުގައި ފަލަސްތީނުގެ ޣައްޒާ އަށް ގެންދިޔަ މީހުން މިނިވަން ކުރެވޭނެ ހަމައެކަނި މަގަކީ ޑީލަކަށް އެއްބަސްވެގެން ކަމަށް އިސްރާއީލް އަސްކަރިއްޔާގެ ކުރީގެ ޖެނެރަލަކު ބުނެފިއެވެ.

މިދިޔަ އޮކްޓޯބަރު 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސްގެ މުޖާހިދުން ވަނީ އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައި 240 މީހުން އަސީރުންގެ ގޮތުގައި ގެންގޮސްފައެވެ. އަދި މިދިޔަ ނޮވެމްބަރު މަހު އިސްރާއީލާއި ހަމާސް އާ ދެމެދު ގާއިމު ކުރި އެއްބަސްވުމެއްގެ ދަށުން އޭގެ ތެރެއިން ބައެއް އަސީރުން މިނިވަންކޮށްފައިވެއެވެ. އެއާ އެކީގައި ވެސް 130 ވަރަކަށް އަސީރުން އަދިވެސް ފަލަސްތީނުގެ ޣައްޒާގައި އަސީރުންގެ ގޮތުގައި އެބަތިބި ކަމަށްވެއެވެ.

ނަމަވެސް ހަމާސް އިން ބުނެފައި ވަނީ އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ބައެއް އަސީރުން މަރުވެފައިވާ ކަމަށެވެ. އެކަމަކު، މަރުވީ ކިތައް އަސީރުން ކަމެއް ހަމާސް އިން ނުބުނެއެވެ. އިސްރާއީލުން އިއްޔެ ހިންގި ގަތުލުއާންމެއްގައި ހަތަރު އަސީރަކު ދިރިތިއްބާ ވަނީ ސަލާމަތްކޮށްފައެވެ.

އިސްރާއީލް އަސްކަރިއްޔާގައި ކުރިން މަސައްކަތް ކުރި ޖެނެރަލެއް ކަމަށްވާ އިސްރާއީލް ޒިވް ބުނެފައިވަނީ ޣައްޒާގައި ބާކީ ތިބި އަސީރުން މިނިވަން ކުރަން ޑީލެއް ގާއިމު ކުރަން ޖެހޭ ކަމަށެވެ. އަދި އެ ޑީލް ވާން ޖެހޭނީ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ޑީލަކަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަސީރުންތަކެއް ސަލާމަތް ކުރުމަށް އިސްރާއީލުން އެންމެ ފަހުން ހިންގި އޮޕަރޭޝަނަކީ ވަރަށް ނުރައްކާތެރި އޮޕަރޭޝަނަކަށް ވި ނަމަވެސް، އެކަމުގައި އިސްރާއީލުން ހޯދާފައި ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ހަމާސް އިން އެކަމުގައި ފިލާވަޅެއް ލިބިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އިސްރާއީލް މީހުންގެ ތެރެއިން ހަތަރު މީހަކު ރެފިއުޖީ ކޭމްޕެއްގައި ގެންގުޅެނިކޮށް އިސްރާއީލުން އިއްޔެ އެތަނަށް ހަމަލާދީ 210 މީހަކު ޝަހީދުކޮށްލައިގެން އެ ހަތަރު މީހުން ވެސް ސަލާމަތްކޮށް މިހާރު ވަނީ އިސްރާއީލަށް ގެންގޮސްފައެވެ. އިސްރާއީލްގެ ހަމަލާތަކުގައި 400 އަށް ވުރެ ގިނަ މީހުން ޒަހަމްވިއެވެ.

ސަލާމަތްކުރި އަސީރުންނަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި 7 ގައި ހަމާސް އިން އިސްރާއީލަށް ހަމަލާދިން އިރު ކުރިއަށް ދިޔަ މިއުޒިކް ފެސްޓިވަލްގެ ތެރެއިން ރަހީނުކުރި ބައެކެވެ. އެއީ އުމުރުން 26 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެކެވެ.

ހަމާސް އިން ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި އެތައް ބަޔަކު ރަހީނުކުރުމުން ހަމާސް ނައްތާލަން ކަމަށް ބުނެ ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ވަނީ 36،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާއިޒު

    މުސްލިމުންގެ ތެރޭގައި މިދުނިޔޭގައި ތިބި މުއްސަނދި ބާރުގަދަ ޢަރަބި ޤައުމު ތަކުން ފަލަސްޠީނުގެ މުޖާހިދުންގެ ކޮޅަށް އަރާތަނެއް ނުފެނޭ. އެމީހުން ފެނިގެންދަނީ ޢިޒުރާއީލު ކޮޅުގައި ތިބި ތަން. ވީމާ؛ މިގޮތަށް މިކަން ހުރެގެން ހުރިހާ ރައްޔިތުންނާއިއެކު މުޅި ފަލަސްޠީނު އެއްކޮށް ނެތިވެ ދަންދެން ހަމާސް ޖަމާޢަތް މިހަނގުރާމައިގައި ދެމި ތިބުންތޯ ރަނގަޅީ މިއީ ވިސްނާލަން ވެއްޖެ ކަމެއްކަމަށް ދެކެން.