ޔަހޫދީ އިސްރާއީލުން ދަނީ ލުބުނާނުގެ ދެކުނުގައި ހުދު ފޮސްފަރަސް ހަތިޔާރު ބޭނުން ކުރަމުން ކަމަށާއި، އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ދަނޑުބިން ތަކަށް ދާއިމީ ގެއްލުންތަކެއް ލިބި، އެސަރަހައްދުގެ ދިރިއުޅޭ ރައްޔިތުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށް އިންސާނީ ހައްޤުތައް ރައްކާކުރާ ބައިނަލް އަޤްވާމީ ޖަމިއްޔާތަކުން ބުނެފިއެވެ.

އިންސާނީ ހައްޤުތައް ރައްކާކުރާ ބައިނަލް އަޤްވާމީ ޖަމިއްޔާތަކުން ވަނީ އިސްރާއީލުން ލުބުނާންގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ތަހްޤީޤެއް ކޮށް އެ ކަމާއި ގުޅޭ ގޮތުން ރިޕޯޓެއް ވެސް ނެރެފައެވެ.

ދުނިޔޭގެ މަޝްހޫރު ނޫހެއް ކަމަށްވާ އަލް ޖަޒީރާ އިން ވަނީ މި ދިޔަ މާރިޗް މަހުގައި އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ލުބުނާންގެ ދެކުނުގެ ސަރަހައްދުތަކުގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ބައިނަލް އަޤްވާމީ މުއާހަދާތަކުން ބޭނުން ކުރުން މަނާކޮށްފައިވާ ހަތިޔާރެއް ކަމަށްވާ ވައިޓް ފޯސްފަރަސް ބޭނުން ކުރާ ކަމަށް ރިޕޯޓް ކޮށްފައެވެ.

މި ރިޕޯޓް ނެރެފައި މި ވަނީ ޔަހޫދީ އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ އޮފިޝަލުން އެގައުމުގެ އުތުރުގެ ބޯޑަރުގެ ސަރަހައްދުތަކަށް ހަމަލާދެމުންދާ ލުބުނާންގެ ހިޒްބުﷲ ޖަމާއަތާއި ދެކޮޅަށް ބޮޑު ހަނގުރާމައެއް ކުރާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށެވެ.

ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ބުދަ ދުވަހު ނެރުނު އާ ރިޕޯޓެއްގައި ބުނެފައި ވަނީ ކެމިކަލް ހަތިޔާރެއް ކަމަށްވާ ހުދު ފޮސްފަރަސްގެ ހަމަލާތަކުގެ ސަބަބުން ލުބުނާންގެ ދެކުނުގެ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ އާންމުންނަށް ނުރައްކާ ބޮޑުވެ، ޑިސްޕްލޭސްމަންޓަށް މަގުފަހިވާ ކަމަށެވެ. އަދި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ މަޤްޞަދަކީ އާންމު ރައްޔިތުންނަށް މި ފަދަ ހަމަލާތައް ދީގެން ނަމަވެސް އެ ސަރަހައްދުން ދުރަށް ޖެއްސުން ކަމަށް އެ ޖަމާއަތުން ނެރުން ރިޕޯޓްގައި ވެއެވެ.

އެޗްއާރުޑަބްލިއުގެ ލުބްނާން ރިސާޗަރު ރަމްޒީ ކައިސް އެ ޖަމާއަތުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ޔަހޫދީ އިސްރާއީލުން ލުބުނާންގެ ދެކުނުގެ އާބާދީ ބޮޑު ސަރަހައްދުތަކުގައި އެއާބާސްޓް ވައިޓް ފޮސްފަރަސް މިއުނިޝަން ބޭނުންކުރުމުން އާންމުންނަށް ނުހަނު ބޮޑު ގެއްލުމެއް ލިބި، ގިނަ ބަޔަކު ގެދޮރު ދޫކޮށް ދާން ޖެހިފައިވާ ކަމަށެވެ.