ޔަހޫދީންގެ ހަޤީޤީ ފިތުރަތަކީ އަނިޔާވެރިކަން ކަން ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސެއިރަތު ރެފިއުޖީ ކޭމްޕަށް ދިން ވަރުގަދަ ހަމަލާއިން ސާބިތު ވެއްޖެ ކަމަށް އަލް ޖަޒީރާގެ މެދުއިރުމަތީގެ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއްޖެއެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ފެށިފަހުން އިއްޔެގައި ނުސައިރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއަކީ ޔަހޫދީ އަސްކަރިއްޔާ އިން ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މި ވަރުގަދަ ހަމަލާތައް ދޭން ފަށާފައި ވަނީ ދުވާލު ގަޑީގައި ކުރިޔާލާ އެއްވެސް އިންޒާރެއް ދިނުމެއް ނެތިއެވެ. ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މައުލޫމާތުދޭ ގޮތުގައި ހަމަލާތައް އަމާޒުކޮށްފައި ވާނީ ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ އަސްކަރީ މަރުކަޒުތަކަށެވެ. ނަމަވެސް ޣައްޒާގައި ހަރަކާތްތެރިވަމުންދާ އަލް ޖަޒީރާގެ ނޫސްވެރިންނާއި ހަވާލާދީ އެ ނޫހުން ބުނެފައިވަނީ މި ހަމަލާތައް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދީފައިވަނީ ނުސެއިރަތު ރެފިއުޖީ ކޭމްޕުގައި ހުރި އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތްތަކަށް ކަމަށެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކުރުމުގެ ސަބަބުން ވަރަށް ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ މި ހަމަލާތަކުގައި ޝަހީދުވެފައެވެ. އަދި ވަރަށް ގިނަ ރައްޔިތުން ވަނީ ޒަހަމްވެސް ވެފައެވެ. އެގޮތުން ނުސެއިރަތު ރެފިއުޖީ ކޭމްޕުގައި ޔަހޫދީންގެ އަސްކަރިއްޔާ އިން ހިންގި ބޮޑު އޮޕަރޭޝަނުގައި ދިން ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ކުށެއް ނެތް 274 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 700 އަށް ވުރެ މީހުން ވަނީ ޒަހަމްވެފައެވެ.

ޔަހޫދީންގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ މިހާ ގިނަ އާންމު ރައްޔިތުން ޝަހީދުކޮށްލާފައި މި ވަނީ އެންމެ 4 އަސީރުން މިނިވަން ކުރަން ކަމަށް އަލް ޖަޒީރާ އިން ވަނީ ރިޕޯޓްކޮށްފައެވެ.

ޔަހޫދީންގެ އަސްކަރިއްޔާ އިން ދަނީ މެދުކެނޑުމެއް ނެތި ފަލަސްތީނުގެ ޣައްޒާގެ އެކި ހިސާބުތަކަށް ހަމަލާދެމުންނެވެ. އަދި ޔަހޫދީން މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ވަނީ ޣައްޒާ އިން 37،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.