ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މި ހަފްތާގެ ތެރޭގައި 13 ޔަހޫދީ ސިފައިން ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ހަމަލާތަކުގައި ޒަހަމްވެފައިވާ ކަމަށް އިސްރާއީލްގެ މިނިވަން ނޫހެއް ކަމަށްވާ ހާރެޓްޒް އިން ބުނެފިއެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް ހިތްވަރާ އެކު ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ހިތްވަރުގަދަ މުޖާހިދުންގެ ހަމަލާތަކުގައި ޔަހޫދީންގެ އަސްކަރިއްޔާގެ 3 އަނިޔާވެރި ސިފައިން ވަރަށް ބޮޑަށް ޒަހަމްވެފައިވާ އިރު 1 ޔަހޫދީ ސިފައިންގެ މީހަކު ވަރަށް ހާލު ސީރިއަސް ކަމަށް އެ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އަށް ޣައްޒާ ވެފައި ވަނީ ވަރަށް އުނދަގޫ ތަނަކަށެވެ. އެގޮތުން ހަމާސް ޖަމާއަތުގެ މުޖާހިދުން ހަމަލާތައް ދިނުމުގައި ބޭނުން ކުރަމުންދާ އުކުޅުތަކުގެ ސަބަބުން އިސްރާއީލްގެ އަނިޔާވެރި ސިފައިންނަށް ހަމާސްގެ މުޖާހިދުންނާއި ކުރިމަތިލާން ވަނީ ވަރަށް ބޮޑަށް އުނދަގޫ ވެފައެވެ. ހަމާސް ޖަމާއަތުން މިހާރު ބޭނުން ކުރަމުންދަނީ "ހިޓް އެންޑް ރަން" އުކުޅެވެ. މިއީ ދުޝްމަނުންނަށް ހަމަލާދިނުމަށް ފަހު ވަރަށް އަވަހަށް އެ ސަރަހައްދު ދޫކޮށް ދިޔުމަށް ކިޔާ އަސްކަރީ ނަމެކެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ވަނީ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ 1908 ފިޑި ސިފައިން ޒަހަމްވެފައެވެ. މީގެ ތެރެއިން 371 ސިފައިންނަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ކަމަށާއި އަދި ބައެއް ސިފައިންގެ ފައި ބުރިކޮށްލަން ޖެހުމާއި އުނަގަނޑަށް ލިބުން އަނިޔާގެ ސަބަބުން ހާއްސައެހީ އަށް ބޭނުންވާ މީހުންނަށް ވެފައިވާ ކަމަށް އިސްރާއީލްގެ މިނިވަން ނޫސް ހާރެޓްޒް އިން ވަނީ ރިޕޯޓްކޮށްފައެވެ.

ޣައްޒާގައި ހަނގުރާމަ ފެށިފަހުން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ 646 ސިފައިން ވަނީ މަރުވެފައި ކަމަށް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ ނެރުން ބަޔާނަކާއި ހަވާލާދީ އިސްރާއީލްގެ ހާރެޓްޒް ނޫހުން ބުނެއެވެ.