ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އުތުރުގެ ސަރަހައްދުތަކުގައި ހަމަލާއެއް އަމާޒުވުމުގެ ކުރިން އަޅާ ރަނގަބީލް އަޅަން ފަށާފައިވާ ކަމަށް ޔަހޫދީ އިސްރާއީލްގެ މީޑިއާތަކުން ބުނެފިއެވެ.

ޔަހޫދީންގެ ދުވަހު ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިސްރާއީލުން ބުނެފައިވަނީ އިސްރާއީލާއި ލުބުނާން ގުޅޭ ސަރަހައްދީ އިން ކައިރީގައިވާ އިސްރާއީލްގެ ދެ އަވަށެއް ކަމަށްވާ ޔަރޮން އަދި އަވިވިމް ގައި ވަނީ ނުރައްކަލުގެ ރަނގަބީލު އަޅާފައިކަމަށެވެ.

ނަމަވެސް އަދި އެއްވެސް ހަމަލާއެއް އިސްރާއީލަށް އަމާޒުވެފައި ނުވާ ކަމަށާއި ލުބުނާންގެ ހިޒްބުﷲ ޖަމާއަތުން ވެސް އެއްވެސް ހަމަލާއެއް ދިން ކަން ހާމަކޮށްފައި ނުވާ ކަމަށް އިސްރާއީލްގެ ނޫސްތަކުން މައުލޫމާތުދެއެވެ.

ހިޒްބުﷲ ޖަމާއަތުން ދިން ވަރުގަދަ ރޮކެޓް ހަމަލާއެއްގައި ޔަހޫދީ އިސްރާއީލްގެ އުތުރުގެ ސަރަހައްދުތަކުގެ ޖަންގަލިތަކުގައި އަލިފާން ރޯވެ އިސްރާއީލުގެ ރައްޔިތުން ދިރިއުޅޭ އަވަށް ތަކަށް އަލިފާނުގެ އަސަރުކުރުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން މި ދިޔަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ އަނިޔާވެރި ހަމަލާތަކާއި ދެކޮޅު ހެދުމުގެ ގޮތުން ލުބުނާންގެ ދެކުނުގެ ސަރަހައްދުގެ ހަރަކާތްތެރިވަމުންދާ ހިޒްބުﷲ ޖަމާއަތުން ދަނީ އިސްރާއީލުގެ އިތުރުގެ ސަރަހައްދުތަކަށް ހަމަލާތައް ދެމުންނެވެ.

ހިޒްބުﷲ ޖަމާއަތުގެ ހަމަލާތަކުން ސަލާމަތްވުމަށް އިސްރާއީލްގެ އުތުރުގެ ސަރަހައްދުތަކުގެ އަވަށް ތަކުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނެއް ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.

އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ވެސް ދަނީ ހިޒްބުﷲ ޖަމާއަތުގެ އަސްކަރީ އަމާޒުތަކަށް ވަރަށް ވަރުގަދަ އަށް ވައިގެ ހަމަލާތައް ދެމުންނެވެ. އަދި އިސްރާއީލްގެ އަސްކަރިއްޔާ ވެރިޔާ ހަލަވީ ވަނީ ހިޒްބުﷲ ބަލިކުރުމަށް ޓަކައި އެއްގަމު މަގުން ލުބުނާނަށް އަރައި ހަނގުރާމަ އެއް ކުރަން ޖެހިދާނެ ކަމަށް ބުނެ ހިޒްބުﷲ ޖަމާއަތަށް އިންޒާރުދީފައެވެ.