އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން ރަހީނު ކުރި އިސްރާއީލުގެ 4 އަސީރުން ސަލާމަތް ކުރުމަށް ޣައްޒާގެ ނުސީރަތް ކޭމްޕްގައި ހިންގި ބޮޑު ލޭއޮހޮރުވުމުގައި އިސްރާއީލަށް އޮޅިގެން އެ ގައުމުގެ ތިން އަސީރުން މަރާލައިފިއެވެ.

ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޝަހީދު ކުރަމުންދާ ޣައްޒާގައި އިސްރާއީލުގެ އަސީރުންތަކެއް ސަލާމަތް ކުރަން ބޮޑު ގަތުލު އާންމެއް އިއްޔެ ހެނދުނު ހިންގިއިރު، ހަތަރު އަސީރުން ދިރިހުއްޓާ ސަލާމަތް ކޮށްފައި ވެއެވެ. ތިން ފިރިހެނަކާއި އަންހެނަކު ސަލާމަތް ކުރިއިރު، މިއީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ރީމް ކައިރީގައި ބޭއްވި ސުޕަނޯވާ މިއުޒިކް ފެސްޓިވަލްގައި ހަމާސް އިން އަތުލައިގަތް މީހުންނެވެ.

މި އޮޕަރޭޝަންގައި ޣައްޒާގެ މެދުތެރޭގެ ނުސީރަތުގައި ހުންނަ ހަމާސްގެ ދެ ތަނެއް އެއްފަހަރާ ސްޕެޝަލް ފޯސްއިން ވަނީ ބަލައި ފާސް ކޮށްފައެވެ. އަދި އެ މީހުން ސަލާމަތްކޮށްފައި ވަނީ ކުށެއް ނެތް އެތައް ބަޔަކު ޝަހީދުކޮށްލާ، ބޮޑު ގަތުލު އާންމެއް ހިންގުމަށް ފަހުއެވެ.

މި އޮޕަރޭޝަންގައި 4 މީހުން ސަލާމަތް ކުރިއިރު، ހަމާސްގެ ހަތިޔާރު އެޅި ގޮފިން ބުނީ އިއްޔެ އިސްރާއީލުން ހިންގި އޮޕަރޭޝަންގައި އެ ގައުމުގެ އަސީރުންގެ ގޮތުގައި ތިބި ތިން މީހަކު މަރާލާފައިވާ ކަމަށެވެ.

ޓެލެގްރާމްގައި އެ ޖަމާއަތުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މަރާލި މީހުންގެ ތެރެއިން އެކަކުގެ އަތުގައި އެމެރިކާގެ ރަށްވެހިކަން އޮތް ކަމަށެވެ.

އަދި އިސްރާއީލުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ ގައިދީން ދޫކޮށްލަންދެން އެހެން ގައިދީން ދޫކޮށްނުލާނެ ކަމުގެ އިންޒާރު ދޭ ވީޑިއޯއެއް ވެސް އެ ޖަމާއަތުން ވަނީ ދީފައެވެ.

ނިރުބަވެރިންގެ މި ލޭ އޮހޮރުވުމުގައި 270 އަށްވުރެ ގިނަ ޣައްޒާގެ ރައްޔިތުން ޝަހީދުކޮށްލާފައި ވެއެވެ.