މެކްސިކޯގެ ނައިޓް ކްލަބެއްގެ ބިއްލޫރި ބެލްކަނީއެއް ތަޅައިގެންގޮސް 2 މީހަކު މަރުވެއްޖެއެވެ.

އެ ގައުމުގައި ނައިޓް ކްލަބެއްގައި ބިއްލޫރި ބެލްކަނީ ތަޅައިގެން ގޮސް ތިރިއަށް ވެއްޓި ދެ މީހަކު މަރުވެ 10 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އެ ހާދިސާ ހިނގާފައިވަނީ މެކްސިކޯ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 480 ކިލޯމީޓަރު ދުރުގައި އޮންނަ ސެން ލުއިސް ޕޮޓޯސީގައެވެ.

މެކްސިކޯގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ކެވިން މޮރެނޯގެ ކޮންސެޓެއް ބަލަން ރިޗް ކްލަބަށް އެތައް ބަޔަކު އެއްވެފައި ތިއްބާ ބިއްލޫރިގަނޑު ތަޅައިގެން ދިޔައެވެ.

އެ އައުޓްލެޓުން އިތުރަށް ބުނީ ނައިޓް ކްލަބުގެ ތިރީގައި ހުންނަ މައި މައިދާނާއި 40 ފޫޓު ދުރަށް ބިއްލޫރި ގޮސްފައިވާ ކަމަށެވެ. މަރުވި ދެ މީހުންނަކީ އުމުރުން 21 އަހަރުގެ މެނުއަލް އަލެޖެންޑްރޯ އިންފަންޓޭ ޕުއެންޓޭ އާއި 17 އަހަރުގެ ރޮޑްރިގޯ އެސްޕިނޯސާ އަލޮންސޯއެވެ.

އެ ހާދިސާގެ ބިރުވެރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ނައިޓް ކްލަބުގެ ތިރީގައި ތިބި މީހުންގެ ބިލަށް ބެލްކަނި ވެއްޓެން ދިޔުމުން އެމީހުން ސަލާމަތަށް އެދި އެކި ދިމަދިމާލަށް ދުއްވައިގަންނަ ތަނެވެ.

އެ ހާދިސާއާއި ގުޅިގެން ޓައުން ހޯލްގެ މަންދޫބު ޖޯޖް ހަރްނާންޑޭޒް ވިދާޅުވީ މޮރެނޯ ބައިވެރިވާ ކޮންސެޓް ބާއްވަން ނައިޓް ކްލަބުން ހުއްދަ ހޯދާފައި ނުވާ ކަމަށާއި ހުއްދައަށް އެދިފައި ވެސް ނުވާ ކަމަށެވެ. އަދި އެ އިވެންޓަށް ގިނަ އަދަދެއްގެ މީހުން އެތަނަށް ދިޔުމުން އިމާރާތުގެ ތިން ވަނަ ފަންގިފިލާގައި ބާރު ބޮޑުވެ އެ ބެލްކަނީ ތަޅައިގެން ދިޔައީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހަރްނާންޑޭޒް ވިދާޅުވީ އެ އެކްސިޑެންޓްގައި 15 މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ތަހުގީގު ނިމެންދެން އެ ނައިޓް ކްލަބް ވަނީ ބަންދުކޮށްފައެވެ.

މިދިޔަ މަހު މެކްސިކޯގެ ނިއުވޯ ލިއޮން ސްޓޭޓްގައި އޮންނަ ސަން ޕެޑްރޯ ގާޒާ ގާސިއާގައި ރިޔާސީ އިންތިހާބުގެ ކުރިން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވައި ގަދަވުމުގެ ސަބަބުން ސްޓޭޖެއް ވެއްޓި ނުވަ މީހަކު ވަނީ މަރުވެފައެވެ. އެ ސްޓޭޓްގެ ގަވަރުނަރު ވިދާޅުވި ގޮތުގައި އެ ހާދިސާގައި 121 މީހަކަށް އަނިޔާވެފައިވެއެވެ.