ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު 40 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނިރުބަވެރި އިސްރާއީލުން ވަނީ ފާއިތުވި 24 ގަޑިއިރު ޣައްޒާގެ އެކި ހިސާބުތަކަށް ހަމަލާތަކެއްދީ 40 މީހަކު ޝަހީދުކޮށްލައި، 218 މީހަކަށް އެކިވަރުގެ ޒަހަމްތައް ދީފައެވެ.

މިއާއި އެކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 37،124 އަށް އަރާފައެވެ. އަދި ޒަހަމްކޮށްލި މީހުންގެ އަދަދު ވަނީ 84،712 އަށް އަރާފައެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކަކީ ހަމާސް ޖަމާއަތުގެ މުޖާހިދުންނަށް ދެމުން އަންނަ ހަމަލާތަކެއް ކަމަށް އިސްރާއީލުން ބުނި ނަމަވެސް މި ހަމަލާތަކުގައި އެންމެ ގިނައިން ޝަހީދުވެފައިވަނީ ޣައްޒާގެ ކުޑަކުދިން، އަންހެނުން، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކުށެއް ނެތް އާންމު ރައްޔިތުން ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

އަދި މި ހަނގުރާމަ މުޅި ދުނިޔެއަށް ދެއްކުމަށްޓަކައި، ޣައްޒާގައި ހަރަކާތްތެރިވަމުން ދިޔަ އެތަކެއް މީޑިއާތަކެއްގެ 100 އަށްވުރެ ގިނަ ނޫސްވެރިން ވެސް ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ނިރުބަވެރިން ހަމަލާތައް ދެމުން އަންނަ ސަރަހައްދުތަކުގެ ތެރޭގައި ޣައްޒާގެ އާންމުން ދިރިއުޅޭ ގެތައް، ރެފިއުޖީ ކޭމްޕްތައް، ސްކޫލްތައް އަދި ހޮސްޕިޓަލް ފަދަ ތަންތަން ހިމެނެއެވެ.