ޔޫކުރޭނުގެ ސުލްހައިގެ ސަމިޓް ބޭއްވުމަށް ސުވިޓްޒިލޭންޑުން ތައްޔާރުވަމުންދާ އިރު މިހާރު ދުނިޔޭގެ ސިޔާސީ ކަންކަން ދިރާސާ ކުރާ ފަރާތްތަކުގެ މެދުގައި އެފެދިފައިވާ ސުވާލަކީ މި ސަމިޓްގައި ޕާކިސްތާނުން ބައިވެރިވާނެތޯ ކަމަށް އަލް ޖަޒީރާ އިން ރިޕޯޓްކޮށްފިއެވެ.

ޕާކިސްތާނަކީ ރަޝިއާ އަދި ޔޫކުރޭނާއި ވެސް ވަރަށް ގާތް ގައުމެކެވެ. ޕާކިސްތާނުގެ އިދަ ޖެހިފައިވާ އިޤްތިޞާދަށް ރަޝިއާގެ އަގު ހެޔޮ ތެޔޮ ވަރަށް މުހިންމު ކަމަށް އިޤްތިޞާދީ މާހިރުން ވަނީ ބުނެފައެވެ. ހަމަ އެގޮތަށް ޕާކިސްތާނުގެ ޑިފެންސް އިންޑަސްޓްރީ އާއި ޔޫކުރޭނުގެ ޑިފެންސް އިންޑަސްޓްރީ ދެމެދު ވަރަށް ވަރުގަދަ އަސްކަރީ އެއްބަސްވުން ތަކެއް ވަނީ ޤާއިމުކޮށްފައެވެ.

މި ސުލްހައިގެ ސަމިޓުގައި ބައިވެރިވުމަށް 160 އަށް ވުރެ ގިނަ ގައުމަށް ދައުވަތު ދީފައިވާއިރު، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ މި ސަމިޓް ސްވިޒަލޭންޑްގައި ބޭއްވުމަށް އެދިވަޑައިގެންފައެވެ. އަދި ސުވިޓްޒިލޭންޑުން ވަނީ މި ސަމިޓް ބޭއްވުމަށް އެއްބަސްވެ 160 ގައުމަކަށް ދައުވަތު ފޮނުވާފައެވެ. އެ ތަނުން 90 ގައުމަކުން ވަނީ މި ދައުވަތު ޤަބޫލުކޮށް މި ސަމިޓްގައި ބައިވެރިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ދުނިޔޭގެ އެންމެ ބޮޑު ދެ އަސްކަރިއްޔާ ކަމަށްވާ ރަޝިއާ އާއި ޗައިނާ މި ބައްދަލުވުމުގައި ބައިވެރިނުވާނެއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން މިދިޔަ މޭ މަހުގައި ސިވިޓްޒްލޭންޑްގެ ލުސަރންގައި ޖޫން މަހުގެ 15 ވަނަ ދުވަހު ފަށާ ދެ ދުވަހުގެ ސަމިޓަށް ސްވިޒަލޭންޑްގެ ކަމާބެހޭ ފަރާތްތަކުގެ ދައުވަތު ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ޕާކިސްތާނުން މި ސަމިޓްގައި ބައިވެރިވާނެތޯ އަދި ވެސް ނުނިންމާ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މުމްތާޒް ޒަހްރާ ބަލޫޗް ބުރާސްފަތި ދުވަހު ވަޓްސްއެޕް މެދުވެރިކޮށް އަލްޖަޒީރާއަށް ވަނީ މައުލޫމާތު ދީފައެވެ.

ޕާކިސްތާނުން ރަޝިއާ އާއި ގުޅުން ބަދަހިކުރަން ފެށީ ވަރަށް ފަހުން ކަމަށާއި އެއީ ރަޝިއާ އާއި އެމެރިކާ ދެމެދު އޮތް ފިނި ހަނގުރާމައިގެ ނުތަނަވަސްކަމުގެ ތެރޭގައި ޕާކިސްތާނުން އޭރު ހިޔާރުކުރީ އެމެރިކާގެ ފަޅީގައި އޮތުން ކަމަށް ޕާކިސްތާނުގެ ޕުރޮފެސަރ އެއް ކަމަށްވާ ފަހްދު ހުމާޔުން އަލް ޖަޒީރާ އަށް ވިދާޅުވިއެވެ.

" ޕާކިސްތާނުން މި ސަމިޓްގައި ބައިވެރިވާން ޖެހޭ. ޕާކިސްތާނުން ވަކި ފަޅި އެއް ނުނެގިޔަސް ސުލްހައިގެ ވާހަކަ ދެއްކެދާނެ ސަމިޓް އެއް މީ. ޕާކިސްތާނުގެ ސަރަހައްދީ ސުލްހައިގެ ވާހަކަ ވެސް މި ސަމިޓްގައި ދެއްކިދާނެ" ހުމާޔުން ވިދާޅުވިއެވެ.

ޕާކިސްތާނުގެ އެންމެ ކައިރި ގައުމު ކަމަށްވާ ޗައިނާ އިން ވަނީ މި ސަމިޓަށް ނުދާނެކަން އަންގާފައެވެ. އެހެން ކަމުން ސިޔާސީ މާހިރުން މިހާރު ބުނަމުންދަނީ ބޮޑަށް ލަފާކުރެވެނީ ޕާކިސްތާނުން ވެސް މި ސަމިޓަކަށް ނުދާނެއެވެ.