ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ދެކުނު ލުބުނާނުގައި ހިންގަމުންދާ އަނިޔާވެރި ހަމަލާތަކުގައި މިއަދު ލުބުނާންގެ ރައްޔިތަކު ޝަހީދުކޮށްލައިފިއެވެ.

ލުބުނާންގެ ސިވިލް އެތޯރިޓީން ބުނެފައިވަނީ ލުބުނާންގެ ދެކުނުގެ ސަރަހައްދުތަކުގައި އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ހިންގި ރެއިޑް އެއްގައި މިއަދު ވަނީ ލުބުނާންގެ ދެކުނުގައި އޮންނަ ނަޤޯރާ އަވަށަށް ޑުރޯން ހަމަލާތަކެއްދީފައި ކަމަށެވެ. މި ހަމަލާދީފައި ވަނީ އާންމު ރައްޔިތުން ދިރިއުޅޭ ގެ އަކަށް ކަމަށާއި މި ހަމަލާގައި ލުބުނާންގެ ރައްޔިތަކު ޝަހީދުވެފައިވާ ކަމަށެވެ.

މި ހަމަލާގެ ބަދަލުގައި ލުބުނާންގެ ދެކުނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ވަނީ ޔަހޫދީ އިސްރާއީލަށް ރައްދު ހަމަލާއެއް ދީފައެވެ. އެ ގޮތުން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އުތުރުގައިވާ މެޓޫލާ އަވަށުގައި ޔަހޫދީ އަނިޔާވެރި އިސްރާއީލްގެ ސިފައިން ބޭނުން ކުރާ ގެ އަކަށް ހިޒްބުﷲ އިން ވަނީ ރޮކެޓް ހަމަލާއެއް ދީފައެވެ. ހިޒްބުﷲ ޖަމާއަތުން ބުނެފައިވަނީ މި ހަމަލާ އެ ގެ އަށް އެރިކަމަށާއި ނަމަވެސް އަދި މަރުވި ޔަހޫދީންގެ ސިފައިންގެ އަދަދު ނޭގޭކަމަށެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ލުބުނާންގެ ދެކުނުގައި ހަރަކާތްތެރިވަމުންދާ ހިޒްބުﷲ ޖަމާއަތުން ވަނީ އިސްރާއީލުގެ އިތުރުގެ ސަރަހައްދުތަކަށް ހަމަލާދޭން ފަށާފައެވެ. އަދި ޔަހޫދީ އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ވެސް ދަނީ ހިޒްބުﷲ ގެ އަސްކަރީ އަމާޒުތަކަށް ހަމަލާދެމުންނެވެ.