ހުޅަނގުގެ އަސްކަރީ ޕައިލެޓުން ޗައިނާގެ ސިފައިން ތަމްރީނު ކުރުމަށް ޗައިނާއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި، އަމިއްލަ ކުންފުނިތައް ބޭނުން ކޮށްގެން އަގުހުރި ހުށަހެޅުންތައް ހުޅަނގުގެ ގައުމުތަކުގެ އަސްކަރިއްޔާގެ ޕައިލެޓުންނަށް ހުށަހަޅަމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑްގެ އިންޓެލިޖެންސް އެއް ގައުމުން އަނެއް ގައުމަށް ހިއްސާކުރުމަށް ކުރިއަށް ގެންދާ އެސްއޯ "ފައިވް އައިޒް" ކޯލިޝަނުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އަދި ޗައިނާގެ މި ހުށަހަޅުންތަކަށް ފާރަލަމުންދާ ކަމަށް ވެސް އެ ގައުމުތަކުން ވަނީ ބުނެފައެވެ.

ޗައިނާ އިން ދަނީ އެ ގައުމުގެ އަސްކަރިއްޔާ ތަރައްޤީ ކޮށް ޒަމާނީކުރުމަށް ވަރަށް ބޮޑަށް ހޭދަކުރަމުންނެވެ. އަދި އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމަނައިގެން ޗައިނާ އިން ވަނީ އަސްކަރީ އެތައް ހަތިޔާރެއް އުފައްދާފައެވެ. އޭގެ ތެރޭގައި ހަނގުރާމަމަތީ ބޮޑެތި މަނަވަރުތަކާއި ހަނގުރާމަ މަތީ މަތިންދާ ބޯޓުތައް ހިމެނެއެވެ. ނަމަވެސް މި މޮޅެތި ޖެޓްތައް ފަރިތަމަ ކަމާއި އެކު ދުއްވާނެ ޕައިލެޓުންނެއް ޗައިނާގައި ނެތެވެ. އަދި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވަނީ ޗައިނާ އަށް ޖެޓްތައް ދުއްވަން ޕައިލެޓުން ތަމްރީނުކުރުމަށް ދެކޮޅު ހަދާފައެވެ.

ޗައިނާ އިން ހުޅަނގުގެ ޕައިލެޓުން ގަންނަށް މަސައްކަތް ކުރާތީ ހުޅަނގު ގައުމުތަކުންނާއި އެމެެރިކާ އިން ވެސް ވަނީ ޗައިނާގެ އަމިއްލަ ބައެއް ކުންފުނިތަކާއި ދެކޮޅަށް މާލީ ފިޔަވަޅުތައް އަޅާފައެވެ.

ޗައިނާގެ ސަރުކާރުން ވަނީ ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ މި ތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި ޗައިނާގެ އަސްކަރިއްޔާގައި އެ ގައުމުގެ ފަހުގެ ޖެޓްތައް ދުއްވާނެ ޤާބިލް ޕައިލެޓެއް ތިބި ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.