އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ދަރިލަކުން ހަންޓާ ބައިޑަންގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެ އޭނާ ކުށްވެރިވެއްޖެއެވެ.

ހަންޓާ ބައިޑަންގެ މައްޗަށް ހުކުމް ކުރީ މަސްތުވާތަކެތި ބޭނުން ކުރުމާއި މަސްތުގެ ހާލުގައި ހުރެ ބަޑި ބޭނުން ކުރުމުގެ އިތުރުން ބަޑިއާ ގުޅުންހުރި ދައުވާއެކެވެ. އަދި ފެޑެރަލް ކޯޓުގައި އޭނާގެ މައްޗަށް ކުރި ތިން ދައުވާވެސް ސާބިތުވެފައެވެ. ހަންޓާ ވަނީ މި ކުށަށް އިއުތިރާފުވެސް ވެފައެވެ.

މިއީ އެމެރިކާގެ ރައީސެއްގެ ދަރިކަލަކު ހިމެނޭ ގޮތަށް ކުރިޔަށް ގެންދިޔަ ފުރަތަމަ ޝަރީއަތެވެ. ހުކުމް އިއްވަމުން ދިޔައިރު ފަސްޓް ލޭޑީ ޖިލް ބައިޑަން ކޯޓު ރޫމްގައި ނެތްނަމަވެސް އޭގެ މިނެޓްތަކެއް ފަހުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހަންޓާގެ މައްޗަށް ސާބިތުވި ތިން ދައުވާގެ ތެރެއިން ދެ ދައުވާގެ ހުކުމެއްގެ ގޮތުގައި 10 އަހަރުގެ ޖަލު ހުކުމެއް އޮތް އިރު، އެއް ދައުވާއަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފައިވެއެވެ.

ފެޑެރަލް ސެންސެންސިން ގައިޑްލައިންގެ ދަށުން އަހަރަކަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އެ ހުކުމުގެ މުއްދަތު ކުޑަކުރުމުގެ ނުވަތަ ގިނަ ކުރުމުގެ ބާރު ގާޒީއަށް ލިބިގެންވެއެވެ. ހަމައެއާއެކު ކޮންމެ ދައުވާއަކަށް 250،000 ޑޮލަރުން ޖޫރިމަނާވެސް ކުރެވޭނެއެވެ.

އެހެންނަމަވެސް މިއަދުގެ އަޑުއެހުމުގައި މި މައްސަލައިގައި ދޭނެ އަދަބެއް ކަނޑައަޅާފައެއް ނުވެއެވެ. އެހެންކަމުން ދޭނެ އަދަބެއް ކަނޑައެޅުމަށް އެހެން އަޑުއެހުމެއް ބާއްވާނެއެވެ.

ދަރިކަލުންގެ މައްޗަށް ދައުވާތައް އުފުލި ނަމަވެސް އޭނާގެ ދިފާއުގައި ނުނުކުންނާނެ ކަމަށާއި މާފުވެސް ނުކުރައްވާނެ ކަމަށް ބައިޑަން ވަނީ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ. އަދި ކޯޓުން ހަންޓާގެ މައްޗަށް ކުރާ ހުކުމް ބަލައިގަންނާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުޙައްމަދު

    ބައިޑަން ކިތަންމެހާވެސް ރަގަޅު. ޢައިރު މުސްލިމުންނަށްވެސް އެނގޭ އެއްވެސް މީހަކު ގާނޫނަށްވުރެން މަތީގައި ނުހުރެވޭނެކަން. އެކަމަކު މިރާއްޖޭގަ އެންމެން ތިބޭނީ ގާނޫނަށްވުރެން މަތީގައި. ގިނައީ މުއައްޞަސާތަކާ ޙަވާލުވެފަތިބި ރޯނުއެދުރުން

  2. މުހައްމާ

    މިރާއްޖޭގަ ނަމަ މިފަދަ ސަރީއަތެއް ނުހިގާނެ