އެމެރިކާ އިން ފަލަސްތީނަށް 404 މިލިއަން ޑޮލަރުގެ އިންސާނީ އެހީ ފޯރުކޮށްދޭނެ ކަން އެ ގައުމުން އިއުލާންކޮށްފިއެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމު ކަމުގައިވާ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ މި އެހީ ފޯރުކޮށްދޭނީ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ކަމަށެވެ.

މި އަދަދާއެކުގައި މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އައިއިރު، އެމެރިކާ އިން ފަލަސްތީނަށް ފޯރުކޮށްދޭ އެހީގެ އަދަދު ޖުމްލަ 674 މިލިއަން ޑޮލަރަށް އަރާނެއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އިންތިހާ އަށް އިންސާނީ އެހީ ބޭނުންވާ ކަމަށެވެ.

އަދި ދުނިޔޭގެ އެންމެ ބޮޑު އެއް ގައުމުގެ ހައިސިއްޔަތުން ކުރާ މި މަސައްކަތުގައި އެހެން ފަރާތްތަކުން ވެސް ބައިވެރިވުމަށް އެ ބަޔާނުގައި ގޮވާލިއެވެ. މި އެހީގެ ތެރޭގައި ފެނާއި ކާބޯތަކެއްޗާއި ސިއްހީ ސާމާނާއި ތައުލީމާ ގުޅުން ހުރި ތަކެއްޗާއި ހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް އެމެރިކާ އިން ބުންޏެވެ. އަދި ސައިކޯ ސޯޝަލް ސަޕޯޓު ބޭނުންވާ ހާލަތުގައި އެ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.

މިދިޔަ އޮކްޓޯބަރު 7 ވަނަ ދުވަހު، ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ވަނީ އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައި ވަރުގަދަ ހަމަލާތަކެއްދީ، އިސްރާއީލްގެ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި އެތައް ބަޔަކު ޒަހަމްކޮށްލައިފައެވެ. އަދި އިސްރާއީލް އާއި ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގެ މީހުންނާ އެކުގައި އަސީރުންގެ ގޮތުގައި 240 މީހުން ޣައްޒާ އަށް ގެންދިޔައެވެ.

ހަމާސް އިން ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ޖަމާއަތް ނައްތާލަން ކަމަށް ބުނެ، އިސްރާއީލްގެ އަސްކަރިއްޔާ އިން ގެންދަނީ ފަލަސްތީނުގެ ކުށެއް ނެތް އާންމުންނަށް ވެސް ހަމަލާދީ އެތައް ބަޔަކު ޝަހީދުކުރަމުންނެވެ. އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު 37،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި ޒަހަމްކޮށްލި މީހުންގެ އަދަދު ވަނީ 80،000 އަށް ވުރެ މައްޗަށް އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެ

    މީ ކިހިނެއް ހަދާނެމޭ ހިތާ އުޅޭ ބައެއް. އެއްކޮޅުން ފަލަސްތީނުގެ ރައްޔިތުން މަރަށް އިޒްރާއީލަ އަށް ހަތިޔާރު ދީފަ، ފަލަސްތީނު ރައްޔިތުން ސީދާ ގުތުންނާ ނުސީދާ ގޮތުން މަރާފަ، ދެން މި ދެނީ ފަލަސްތީނު މީހުނަށް އެހީ. މީ ހަމަ އަރަތެއް