ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ސައުދި އަރަބިއްޔާގެ މައްކާއަށް ދިޔަ އަލްޖީރިއާއަށް ނިސްބަތްވާ 130 އަހަރު ވެފައިވާ ކަަމަށް ބުނާ އަންހެނަކަށް އެއަރޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި އަހަރުގެ ހައްޖުގައި ބައިވެރިވުމަށް ސަރްހޫދާ ސެޓިޓް ނަމަކަށް ކިޔާ އެ އަންހެން މީހާ ކިންގް އަބްދުލް އަަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީއަށް އަށް އެތެރެވެފައިވާއިރު، ދަތުރު ފެށުމުގެ ކުރިން ސެޓިތު ވަނީ އިހުރާމް ބަދެ ވާންޖެހޭ ތައްޔާރީތައް ފުރިހަމަކޮށްފައެވެ.

ސައުދީ އެއާލައިންސް އިން އޭނާ އެ ގައުމަށް އައުމުން އުފާ ފާޅުކުރީ ސައުދީއަށް ދިޔަ އެންމެ އުމުރުން ދުވަސްވީ ހައްޖުވެރިޔާގެ ގޮތުގައެވެ.

އަލްޖީރިއާއިން އެންމެ ދުވަސްވީ ހައްޖުވެރިޔާ އައުމާއި ގުޅޭގޮތުން ސައުދީ ޖަމާއަތުން ވެސް ވަނީ އެ ޖަމާއަތުގެ އެކްސް އެކައުންޓްގައި އެކަން ހިއްސާ ކޮށްފައެވެ.

އުމުރުން ދުވަސްވެފައި ވީ ނަމަވެސް ހައްޖަށް ދިއުމުގައި އޭނާ ހުރި އަޒުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ސަމާލުކަމެއް ލިބުނު ކަމަށް ވެއެވެ.

އިސްލާމްދީނުގެ ފަސް ރުކުންތަކުގެ ތެރެއިން އެއް ރުކުން ފުރިހަމަ ކުރުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައުދީއަށް ގިނަ އަދަދެއްގެ ބަޔަކު މިހާރު ޖަމާ ވެފައި ވެއެވެ.

ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި ހަފުތާގައި ހައްޖުގެ އަޅުކަން އަދާކުރާ 1.5 މިލިއަނަށް ވުރެ ގިނަ މީހުން ހައްޖުގެ ކަންކަން ފުރިހަމައަށް އަދާ ކުރެވޭނެ މަގު ތަނަސް ކުރުމަށް ތައްޔާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެއިން ޝާމް

    ހައްދަވާ ބޮޑު ކުރެއވި ރަސްކަލާކޮ އަދިވެސް އުމުރު ދިގު ކުރައްވާދޭވެ.