އިރާނުން އެ ގައުމުގެ ނިއުކުލެއަރ ޕުރޮގްރާމް އިތުރަށް ފުޅާކޮށް އެ ގައުމުން ޔުރޭނިއަމް ފައްކާކުރާ މިންވަރު ބޮޑުކޮށްފައިވާނޭ ކަމަށް ރަސްމީކޮށް އދ ގެ އެޓޮމިކް އެނާޖީ އާއި ބެހޭ ޖަމިއްޔާ އަށް އަންގާފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފިއެވެ.

އދ ގެ އެޓޮމިކް އެނާޖީ އާއި ބެހޭ އެޖެންސީ އިން ބުނެފައިވަނީ އިރާނުން އެ ގައުމުގެ ފޮރްދޯވް އަދި ނަނަޓްޒް ގައި ޤާއިމް ކޮށްފައިވާ ނިއުކުލެއަރ ފެސިލިޓީ ތަކުން ޔުރޭނިއަމް އުފެއްދޭ މިންވަރު އިތުރުކުރުމަށް ޓަކައި އެ ފެސިލިޓީ ތަކުގައި އައު މެޝިނަރީސް ތައް ޤާއިމުކޮށްފައިވާ ކަމަށެވެ. މިއީ ދުނިޔޭގެ ގައުމުތަކުން ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި މި ކަމުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ މެދުގައިވާ ނިއުކުލެއަރ ބެލޭންސް ގެއްލިގެން ދިޔުމުގެ ބިރު އެބަ އޮތް ކަމަށެވެ.

ފަރެންސޭސިވިލާތާއި، އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުން އިސްވެ އޮވެ ވަނީ އިރާނަށް ފިޔަވަޅު އެޅުމަށް ހާއްސަ ޤަރާރެއް އދ ގެ އެޓޮމިކް އެނާޖީ ކޮންފަރެސްގައި ފާސްކޮށްފައެވެ. ހުޅަނގުގެ ގައުމުތަކުން ބުނެފައިވަނީ އިރާނާއި ދެކޮޅަށް މި ޤަރާރު ފާސްކުރަން ޖެހުނީ އިރާނަށް ދޫ ދީފި ނަމަ އެ ގައުމުން ނިއުކުލެއަރ ބޮން އުފައްދަފާނެ ކަމަށް ބެލެވޭތީ ކަމަށެވެ. އިރާނާއި ދެކޮޅަށް ހުށަހެޅި މި ޤަރާރަށް އިރާނުގެ އެކުވެރި ގައުމުތައް ކަމަށްވާ ރަޝިއާ އަދި ޗައިނާ އިން ވަނީ ދެކޮޅު ހަދާފައެވެ.

އިރާނުން ވަނީ ހުޅަނގުގެ ގައުމުތަކުގެ މި ތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި އެ ގައުމުން ނިއުކުލެއަރ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާ ކަމަށް ވަނީ ތަކުރާރުކޮށް ބުނެފައެވެ.

އިރާނުން ބުނެފައިވަނީ އެ ގައުމާއި ދެކޮޅަށް ހުޅަނގުގެ ގައުމުތަކުންނާއި އެމެރިކާ އިން އަޅާފައިވާ މާލީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން އެ ގައުމުން ޔުރޭނިއަމް އުފައްދާ މިންވަރު ވެސް ދަށް ކުރާނެ ކަމަށެވެ.