ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާ އިން ފެން ހުސްވުމާއި ގާތަށް ގޮސްފައިވާ ކަމަށް އަލް ޖަޒީރާ އިން ރިޕޯޓްކޮށްފިއެވެ.

އަލް ޖަޒީރާ އިން ބުނެފައިވަނީ ހަނގުރާމަ ފެށުން ފަހުން ޣައްޒާގެ ރައްޔިތުންނަށް ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި ނަމަވެސް މިހާރު ހާލަތު ވަރަށް ބޮޑަށް ގޯސްވެ ޣައްޒާގެ ބިން ގަނޑުވެސް ވަރަށް ބޮޑަށް ހަނަފަސް ވެފައިވާ ކަމަށެވެ. އަދި މި ގޮތަށް ކަންތައްތައް ދާ ކަމަށް ވަންޏާ ޣައްޒާގެ ދަނޑުވެރިކަން ކުރަން ކަމުދާ ބިމެއް ނޯންނާނެ ކަމަށް ވެސް އަލް ޖަޒީރާ އިން ވަނީ ރިޕޯޓްކޮށްފައެވެ.

މިހާރު ޣައްޒާގައި ސާފު ބޯފެން ބަހަނީ ހަމަ އެކަނި އދ ގެ ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އެޖެންސީ އިން ކަމަށާއި އެ އެޖެންސީ އިން ފެން ބަހަމުން ދިޔަ ސުކޫލު އިމާރާތެއް ވަށާލައިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދުންނާއި އެމީހުންގެ މޫނު މަތިން ފެނިގެންދާ މާޔޫސްކަމުން ފަލަސްތީނުގެ ރައްޔިތުން ސާފު ބޯފެނަށް ބޭނުން ޖެހިފައިވާ މިންވަރު އަންދާޒާ ކޮށްލެވޭ ކަމަށް ޣައްޒާގައި ތިބި އަލް ޖަޒީރާގެ ނޫސްވެރިންނާއި ހަވާލާދީ އެ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

އދ ގެ ފަލަސްތީނުގެ ރެފިއުޖިންނާއި ބެހޭ އެޖެންސީ އިން ސާފު ބޯފެން ބަހަމުންދާ މަރުކަޒަކަށް ފެން ފޮދެއް ލިބޭތޯ އައިސްހުރި އުމުރުން ދުވަސްވީ އަންހެނަކު އަލް ޖަޒީރާ އަށް ބުނެފައިވަނީ އެމީހުންނަކީ ޣައްޒާގެ ބައިތް ހަނޫނުން ބޭރުކޮށްލުމުގެ ސަބަބުން ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުންދާ ބެއެއް ކަމަށާއި ޔަހޫދީން ވަނީ ޣައްޒާގެ ގެތައް ސުންނާފަތި ކުރުމުގެ އިތުރުން ފަލަސްތީނުގެ ރައްޔިތުން ބޯން ބޭނުންކުރާ ފެން ވަޅުތައް ވެސް ހަލާކުކޮށްފައި ކަމަށް އެ އަންހެން މީހާ ވަނީ އަލް ޖަޒީރާ އަށް ބުނެފައެވެ.

" މިއީ ހަޔާތެއް ނޫން. އަހަރެމެންނަށް ވުރެ ޖަނަވާރުން ވެސް އުޅޭނީ މާ އުފަލުގައި. އަހަރެމެން މި ދަނީ ކޮންމެ ދުވަހަކު ކަތިލަމުން. އިސްރާއީލްގެ ބޮން ތަކުން މަރު ނުވިއްޔާ ބަނޑުހައިހޫނުކަމުންނާއި ފެން ނުލިބިގެން އަހަރެމެން މި ދަނީ މަރުވަމުން" އަސަރާއި އެކު އެ އަންހެން މީހާ އޭނާގެ ހާލަތު އަލް ޖަޒީރާ އަށް ކިޔައިދިނެވެ.