މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 500 އާ ގާތްކުރާ އަދަދަކަށް ސިއްހީ ހިދުމަތްތެރިން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކުރޮސެންޓުން ބުނެފިއެވެ.

ފަލަސްތީނުގެ ރެޑްކުރެސެންޓް ސޮސައިޓީން ބުނެފައިވަނީ ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި ސިއްހީ ހިދުމަތްތެރިންގެ އަދަދަކީ 498 ކަމަށެވެ. އަދި ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި އެތައް ސަތޭކަ ސިއްހީ ހިދުމަތްތެރިން ވަނީ ޒަހަމްވެފައި ކަމަށެވެ.

" ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ހަމަލާތައް ދެމުންދަނީ ވަކި ހަމާސްގެ މުޖާހިދުންނަށް ނޫން ކަން މިހާރު މުޅި ދުނިޔެއަށް ވެސް ވިސްނޭނެ. ސިއްހީ ހިދުމަތްތެރިންނަކީ ކޮންމެ މުޖުތަމައު އެއްގައި ވެސް ޤަދަރާއި އިހްތިރާމް ލިބިގެންވާ ބައެއް. ނަމަވެސް ޔަހޫދީންނަކީ ސިއްހީ ހިދުމަތްތެރިންނަށް ވެސް އެއްވެސް އިހްތިރާމެއް ކުރާ ބައެއް ނޫން. ހޮސްޕިޓަލްތަކުގައި ޔަހޫދީން ހިންގި އެކި އެކި އަނިޔާވެރި އަސްކަރީ އޮޕަރޭޝަން ތަކުގައި ވެސް ސިއްހީ ހިދުމަތްތެރިންނަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށް އަދި ބައެއް ފަހަރު ޤަސްތުގައި ހަމަލާވެސް ދީފަ" ފަލަސްތީނުގެ ރެޑްކުރެސެންޓް ފަރާތުން ނެރުން ބަޔާނެއްގައި ވަނީ ބުނެފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ޣައްޒާގެ އެތައް ޑޮކްޓަރުންނަކާއި ސިއްހީ ހިދުމަތްދޭ ފަރާތްތައް ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ މުޖާހިދުންނަަށް އެހީތެރިވާ ކަމަށް ބުނެ ހައްޔަރުކޮށްފައެވެ.

ފަލަސްތީނުގެ ޑޮކްޓަރުން ބުނެފައިވަނީ އެމީހުންނަށް ފެންނަނީ ޒަހަމްވެފައިވާ މީހުން ކަމަށާއި މުޖާހިދެއް އާންމު ރައްޔިތެއް ކަން ފަރުވާ ދިނުމުގައި ނުބަލާކަމަށެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ޣައްޒާ އިން ވަނީ 38،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.