މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ގޮސް ތިބި ހުރިހާ ހައްޖުވެރިން ވެސް ފަލަސްތީނުގެ ރައްޔިތުންގެ މަތިން ހަނދާން ކުރުމަށް ފަލަސްތީނުގެ ހައްގުގައި ޖިހާދު ކުރަމުން އަންނަ ހަމާސްގެ އަސްކަރީ ގޮފި އިއްޒުއްދީން އަލް-ގައްސާމް ބްރިގޭޑްސް އިން މިއަދު އެދިއްޖެއެވެ.

ގައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އުބައިދާ އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ގޮސް ތިބި ހުރިހާ މުސްލިމުން ވެސް ފަލަސްތީނުގެ ރައްޔިތުންގެ މަތިން ހަނދާން ކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި ހައްޖުވެރިން ކުރާ ދުއާތަކާއި އަޅުކަންތަކުގައި ފަލަސްތީނުގެ ކެތްތެރި ރައްޔިތުންނާއި ފަލަސްތީނުގެ ހައްގުގައި ޖިހާދު ކުރާ މުޖާހިދުންގެ ނަން ވެސް ފާހަގަ ކުރުމަށް އަބޫ އުބައިދާ އެދިވަޑައިގެންނެވިއެވެ.

ހައްޖުވެރިން މިއަދު އަރަފާތު ބިމުގައި.

އަބޫ އުބައިދާ ވިދާޅުވި ގޮތުގައި ހައްޖުވެރިން، ސައުދީގައި ހައްޖުގެ އަޅުކަން އަދާކުރަމުން އަންނަ އިރު، ފަލަސްތީނުގެ މުޖާހިދުން ދުޝްމަނުންނާ ދެކޮޅަށް ކުރަމުން އަންނަނީ ވަރުގަދަ ޖިހާދެކެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލަށް އަމާޒުކޮށް ހަމާސް އިން ހަމަލާތަކެއް ދިނީ މުސްލިމުންގެ އެންމެ މުގައްދަސް އެއް ބިން ކަމުގައިވާ އަލް-އަގުސާ މިސްކިތުގެ ހުރުމަތް ޔަހޫދީން ކަނޑަމުންދާތީ އެކަމުގެ ދިފާއުގައެވެ.

އެހެންވެ، އަލް-އަގުސާ މިސްކިތް ރައްކާތެރިކޮށް ހިމާޔަތްކޮށް ދިނުމަށް އެދި ހައްޖުވެރިން ދުއާކޮށް ދިނުމަށް ވެސް އަބޫ އުބައިދާ އެދިވަޑައިގެންނެވިއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން ބަދަލުހިފުމަށް ކަމަށް ބުނެ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލުން ދެމުންދާ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލްތަކަށް ވެސް ވަނީ އަމާޒުކޮށްފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން ހާމަކުރި ގޮތުގައި އަށް މަހަށް ވުރެ ގިނަ ދުވަސްވީ ގަތުލުއާންމުގެ މިހާތަނަށް އައިއިރު، ޣައްޒާ އިން 37،296 މީހުން ޝަހީދުކޮށްލާފައިވެއެވެ. އަދި އިސްރާއީލްގެ ހަމަލާތަކުގައި 85،197 މީހުން ޒަހަމްކޮށްލާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެ