ރަޝިއާގެ އަސްކަރީ މަތިންދާބޯޓެއް ސްވިޑެންގެ ބޯލްޓިކް ޖަޒީރާ ރަށްތައް ކަމަށްވާ ގޯޓްލޭންޑްގެ އިރުމަތީ ފަރާތުގެ ވައިގެ ސަރަހައްދުގައި ހުކުރު ދުވަހު ކުޑަ ވަގުތުކޮޅަކަށް ހަރަކާތްތެރިވެ ސުވިޑެންގެ ވައިގެ ޤާނޫނުތަކާއި ހިލާފުވުމުން ސްވިޑެންގެ ހަނގުރާމަމަތީ މަތިންދާ ބޯޓެއް ރަޝިއާގެ ބޯޓު ހުއްޓުވާފައިވާ ކަމަށް ސުވިޑެންގެ އަސްކަރިއްޔާއިން ބުނެފި އެވެ.

ސްވިޑެންގެ ޚާރިޖީ ވަޒީރު ޓޮބިއަސް ބިލްސްޓްރޯމް ބުނެފައިވަނީ ސުވިޑެންގެ ވައިގެ ސަރަހައްދާ ހިލާފުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ ގައުމުގެ ވެރި ރަށް ސްޓޮކްހޯމްގައި ހުންނަ ރަޝިއާ އެމްބަސީގެ އޮފިޝަލުން އެ ކަމާ ގުޅިގެން ހާރިޖީ މިނިސްޓްރީއަށް ހާޒިރުކުރާނެ ކަމަށެވެ.

މި ކަމާއި ގުޅިގެން ސްވިޑެންގައި ހުންނަ ރަޝިއާ އެމްބަސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައި ކަމަށް ރުއެޓާސް ނިއުސް އެޖެންސީ އިން ވަނީ ބުނެފައެވެ.

ސްވިޑެންގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ރަޝިއާގެ އެސްޔޫ-24 މަރުކާގެ މަތިންދާބޯޓު ހުއްޓުވަން އެ ގައުމުގެ ވައިގެ އަސްކަރިއްޔާގެ ގްރިޕެން ޖެޓްތައް ފޮނުވީ އަސްކަރީ އެއާ ޓްރެފިކް ކޮންޓްރޯލަރުން ރޭޑިއޯއިން ދިން އިންޒާރުތަކަށް ރަޝިއާގެ ޖެޓްތަކުން އިޖާބަ ނުދިނުމުން ކަމަށެވެ.

ރަޝިއާ އިން އެ ގައުމުގެ ސަރަހައްދީ މަސްލަހަތު ދިފާއު ކުރަން ކަމަށް ބުނެ ޔޫކުރޭނަށް 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހު ވަނީ ހަމަލާދީފައެވެ. އަދި މިހާރު ހަނގުރާމަ އަށް 3 އަހަރު ފުރިފައިވާ އިރު ރަޝިއާ އިން ވަނީ ޔޫކުރޭނުގެ ބޮޑު 5 ސަރަހައްދެއް ހިފައި އެ ގައުމުގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ރަޝިއާ އިން ޔޫކުރޭނަށް ހަމަލާދިނުމުގެ ސަބަބުން ރަޝިއާގެ އަވެއްޓެރި ގައުމުތަކާއި އޮންނަ ހާރިޖީ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.