ފަލަސްތީނުގެ ޣައްޒާ އަށް ވެރިވެގަނެގެން ތިބި އިސްރާއީލްގެ ސިފައިންނަށް އިއްޔެއަކީ ވަރަށް ހިތާމަވެރި ދުވަހެކެވެ. ފަލަސްތީނުގެ މުޖާހިދުން ދިން ވަރުގަދަ ހަމަލާއެއްގައި އިސްރާއީލްގެ އުޅަނދެއްގައި ތިބި އަށް ސިފައިންގެ މީހުން އަނދައި އަޅިއަށް ހަދާލީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ވެސް ހާމަކުރާ ގޮތުގައި މިއީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިވީ ހަ މަސްތެރޭ ޣައްޒާގައި ތަޖުރިބާ ކުރަން ޖެހުނު އެންމެ ނުރައްކާތެރި ހަމަލާއެވެ.

ޣައްޒާގެ އެންމެ ދެކުނުގައި އޮންނަ ރަފަހް ސިޓީގައި މިކަމެއް ހިނގީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. މަރާލި އަށް ސިފައިންގެ މީހުންގެ ތެރެއިން އިސްރާއީލަށް މިހާތަނަށް އައިއިރު ހާމަކުރެވުނީ އެންމެ މީހެއްގެ ވަނަވަރެވެ. އެއީ ކޮމްބެޓް އިންޖިނިއަރިން ކޯޕްސްގެ ޑެޕިއުޓީ ކޮމާންޑަރެއް ކަމަށްވާ ކެޕްޓަން ވަސީމް މަހްމޫދު 23، އެވެ. އިސްރާއީލުން ބުނެފައިވަނީ ބާކީ ތިބި ހަތް ސިފައިން މަރާލި ކަން އެމީހުންގެ އާއިލާތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

އަދި އެމީހުންގެ ވަނަވަރު ވެސް ފަހުން ހާމަކުރާނެ ކަމުގައި އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

ގޮއްވާލި ސީއީވީ ވެހިކަލް. މިއީ ވަރަށް ވަރުގަދަ ވެހިކަލެއް.

ހަމާސްގެ މުޖާހިދުން މި ހަމަލާ ދިނީ ދަގަނޑު ދަހަނާ ޖަހާފައި ހުރި ނޭމާ އާމޯޑް ކެމްބެޓް އިންޖީނިއަރިން ވެހިކަލް (ސީއީވީ) އަކަށް އަމާޒުކޮށެވެ. އޭގައި ތިބި ހުރިހާ ސިފައިން ވެސް މަރުވެފައިވާ ކަން އިސްރާއީލްގެ އަސްކަރިއްޔާ އިން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

ހަމާސް އިން މި ހަމަލާ ދީފައި ވަނީ ރަފަހްގެ ތެލް ސުލްތާން އަވަށުގައި ހިންގި ގަތުލުއާންމަކަށް ފަހުގައި އެ ވެހިކަލް އެ ސަރަހައްދު ދޫކޮށް އިއްޔެރޭ ފަތިހު ފަހެއް ޖަހާކަން ހާއިރު ދިޔަ ފަހުން ކަމުގައި އިސްރާއިލް އަސްކަރިއްޔާ އިން ބުނެފައިވެއެވެ. އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި އެ ސިފައިންގެ ކޮންވޯއީ އިން ވަނީ ރަފަހްގެ އަވަށުގައި ހަރަކާތްތެރިވަމުން ދިޔަ މުޖާހިދުންގެ ތެރެއިން 50 މީހަކު ޝަހީދުކޮށްލައިފައެވެ.

ވަސީމް މަހްމޫދު.

މި ކޮންވޯއީގައި އިތުރު ވެހިކަލްތަކެއް ވެސް ދަތުރު ކުރިއިރު، އޭގައި ތިބި އެންމެން ވެސް ދަތުރު ކުރީ ޣައްޒާގައި އިސްރާއީލްގެ އަސްކަރިއްޔާ އިން ހިފާފައިވާ އިމާރާތަކާ ހަމައަށް ދިއުމަށް ކަމަށާއި އެ ސިފައިން އެ ތަނަށް ދަތުރު ފެށީ އަރާމްކޮށްލަންވެގެން ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި ހަމަލާ އަމާޒުވީ އެ ކޮންވޯއީގައި ހިމެނޭ ފަހެއް ނޫނީ ހަ ވަނަ ވެހިކަލްއަށެވެ. އެ ވެހިކަލްގައި ތިބި ސިފައިންތައް މަރުވީ ވަރަށް ވަރުގަދަ ގޮވުމެއް ގޮވައިގެން ކަމަށް ވެސް އަސްކަރިއްޔާ އިން ބުނެފައިވެއެވެ. އެކަމަކު، އެ ގޮވުން ގޮވީ ވެހިކަލްގައި ބޮމެއް ހަރުކޮށްގެން ކަމެއް ނުވަތަ ހަމާސްގެ މުޖާހިދުން ސީދާ އެ ވެހިކަލްގައި ގޮވާތަކެތި ހަރުކޮށްގެން ގޮއްވާލީ ކަމެއް ސާފު ނުވާ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

އިސްރާއީލްގެ ތަރުޖަމާނު ރިއާ އެޑަމް ޑެނިއަލް ހަގާރީ ފަހުން ބުނެފައި ވަނީ ސީއީވީ އަށް އެންޓި ޓޭންކް މިސައިލެއް އަމާޒުވެފައިވާ ކަމަށް ބުނަމުންދާތީ އެކަން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"މި ހާދިސާއާ ގުޅިގެން ޑިފެންސް މިނިސްޓްރީ އާއި އިސްރާއީލްގެ އަސްކަރިއްޔާގެ ތަޖުރިބާކާރުން ބަލާނެ މި ވެހިކަލަށްވީ ގޮތެއް." ހަގާރީ ބުނެފައިވެއެވެ.

މިއާއެކުގައި ޣައްޒާގައި އިސްރާއީލުން ކުރަމުން އަންނަ ހަނގުރާމައިގައި މަރާލި އިސްރާއީލް ސިފައިންގެ އަދަދު ވަނީ 307 އަށް އަރައިފައެވެ. އޭގެ އިތުރުން އިސްރާއީލްގެ ފުލުހަކާއި ޑިފެންސް މިނިސްޓްރީގެ ކޮންޓްރެކްޓަރަކު ވެސް ވަނީ މަރާލައިފައެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ އެ ސިފައިން ވަކިވެ ދިއުމުން ހިތް ކުދިކުދިވެފައިވާ ކަމަށެވެ. ނަތަންޔާހޫ ބުނީ ހަނގުރާމައިގައި އަސްކަރިއްޔާ އިން ކޮންމެ އަގެއް އަދާކުރަން ޖެހުނު ކަމުގައި ވިޔަސް، ހަނގުރާމައިގެ އަމާޒުތަކަށް ވާސިލްވާން ޖެހޭ ކަމަށެވެ.

އިސްރާއީލްގެ ޑިފެންސް މިނިސްޓަރު ޔާއޯވް ގަލަންޓް ވެސް ބުނީ އަށް ސިފައިން ވަކިވެ ދިއުމުން އެކަމާ ހިތާމަ ކުރާ ކަމަށެވެ.

ޣައްޒާގައި އިސްރާއީލަށް އެންމެ ވަރުގަދަ ހަމަލާއެއް އަމާޒުވެފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. ހަމާސްގެ މުޖާހިދުން އާރުޕީޖީއަކުން ދިން ހަމަލާއެއްގައި ދެ އިމާރާތެއްގެ ތެރޭގައި ތިބި އިސްރާއީލްގެ 21 ސިފައިންގެ މީހުން ވަނީ މަރާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ސާބަހޭ އަޅުގަނޑުމެންގެ ހިތްވަރުގަދަ މުޖާހިދުން ކުރާ މަސައްކަތަކަށް. ﷲ ތިބާއަށް ނަސްރާއި ކާމިޔާބީ މިންވަރުކޮށް ދެއްވައި އިސްލާމްދީނުގެ ޢަދުއްވު ޞަޙްޔޫނީ ޔަހޫދީ ލަޝްކަރު ހަލާކުކުރައްވާށި.

    • Anonymous

      އާމީން!

  2. ާފަޔާޒް

    ﷲ އަކްބަރް