ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސްގެ މުޖާހިދުން ދިން ވަރުގަދަ ހަމަލާއެއްގައި މަރާލި އިސްރާއީލް އަސްކަރިއްޔާގެ އަށް ސިފައިންގެ މީހުންނަކީ އަސްކަރިއްޔާގައި ހިމެނޭ އެންމެ ރަނގަޅު އަށް މީހުން ކަމުގައި އިސްރާއީލްގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނެފިއެވެ.

ޣައްޒާގެ އެންމެ ދެކުނުގައި އޮންނަ ރަފަހް ސިޓީގައި ހަމާސްގެ މުޖާހިދުން މި ހަމަލާ ދިނީ ދަގަނޑު ދަހަނާ ޖަހާފައި ހުރި ނޭމާ އާމޯޑް ކެމްބެޓް އިންޖީނިއަރިން ވެހިކަލް (ސީއީވީ) އަކަށް އަމާޒުކޮށެވެ. އެ ހަމަލާގައި އެ ވެހިކަލްގައި ރޯވެ، އޭގައި ތިބި ހުރިހާ ސިފައިން ވެސް ވަނީ އަނދައިފައެވެ. އިސްރާއީލުން ވެސް ވަނީ މިކަން ހިނގި ކަން ކަށަވަރުކޮށްދީފައެވެ. އަދި އެކަން އާއިލާތަކަށް މިހާރު އަންގާފައިވާނެ ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.

އިސްރާއީލްގެ ފޮރިން މިނިސްޓަރު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މި ހަމަލާގައި ދުނިޔެއާ ވަކިވި ސިފައިންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާ ކަމަށެވެ. އިސްރާއީލްގެ އެ ސިފައިން ދުނިޔެއާ ވަކިވި އިރު، އެމީހުން މިފަދަ ގުރުބާނެއް ވާން ޖެހޭނެ ކަން ދަންނާނެ ކަމަށް ވެސް ފޮރިން މިނިސްޓަރު ބުންޏެވެ.

"އެމީހުންނަށް އެނގޭނެ މިފަދަ ގުރުބާނެއް ވާން ޖެހޭނެ ކަން. އެމީހުން އެކަން ކުރީ، އެކަމުގެ ސަބަބުން އަހަރުމެންނަށް މި ގައުމުގައި ދިރިއުޅެވޭ ވަރު ވާނެ ކަންނޭނގެ." ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ފޮރިން މިނިސްޓަރު ބުނެފައިވެއެވެ.

"ހޮނިހިރު ދުވަހަކީ އުނދަގޫ ދުވަހެއް. ރަފަހްގައި އެ މަރާލީ އަހަރުމެންގެ އެންމެ ރަނގަޅު 8 ސިފައިން،"

ހަމާސް އިން މި ހަމަލާ ދީފައި ވަނީ ރަފަހްގެ ތެލް ސުލްތާން އަވަށުގައި ހިންގި ގަތުލުއާންމަކަށް ފަހުގައި އެ ވެހިކަލް އެ ސަރަހައްދު ދޫކޮށް އިއްޔެރޭ ފަތިހު ފަހެއް ޖަހާކަން ހާއިރު ދިޔަ ފަހުން ކަމުގައި އިސްރާއިލް އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

މި ކޮންވޯއީގައި އިތުރު ވެހިކަލްތަކެއް ވެސް ދަތުރު ކުރިއިރު، އޭގައި ތިބި އެންމެން ވެސް ދަތުރު ކުރީ ޣައްޒާގައި އިސްރާއީލްގެ އަސްކަރިއްޔާ އިން ހިފާފައިވާ އިމާރާތަކާ ހަމައަށް ދިއުމަށް ކަމަށާއި އެ ސިފައިން އެ ތަނަށް ދަތުރު ފެށީ އަރާމްކޮށްލަންވެގެން ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި ހަމަލާ އަމާޒުވީ އެ ކޮންވޯއީގައި ހިމެނޭ ފަހެއް ނޫނީ ހަ ވަނަ ވެހިކަލްއަށެވެ. އެ ވެހިކަލްގައި ތިބި ސިފައިންތައް މަރުވީ ވަރަށް ވަރުގަދަ ގޮވުމެއް ގޮވައިގެން ކަމަށް ވެސް އަސްކަރިއްޔާ އިން ބުނެފައިވެއެވެ. އެކަމަކު، އެ ގޮވުން ގޮވީ ވެހިކަލްގައި ބޮމެއް ހަރުކޮށްގެން ކަމެއް ނުވަތަ ހަމާސްގެ މުޖާހިދުން ސީދާ އެ ވެހިކަލްގައި ގޮވާތަކެތި ހަރުކޮށްގެން ގޮއްވާލީ ކަމެއް ސާފު ނުވާ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

މިއާއެކުގައި ޣައްޒާގައި އިސްރާއީލުން ކުރަމުން އަންނަ ހަނގުރާމައިގައި މަރާލި އިސްރާއީލް ސިފައިންގެ އަދަދު ވަނީ 307 އަށް އަރައިފައެވެ. އޭގެ އިތުރުން އިސްރާއީލްގެ ފުލުހަކާއި ޑިފެންސް މިނިސްޓްރީގެ ކޮންޓްރެކްޓަރަކު ވެސް ވަނީ މަރާލައިފައެވެ.