އިންޑިއާގެ އަންހެނަކު އޮންލައިންކޮށް ގަތް އައިސްކްރީމް ތަށްޓެއް ތެރެއިން ބިޗުލެއް ފެނުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

އިންޑިއާގެ އުއްތަރްޕްރަދޭޝްގެ ނޮއިޑާގައި ދީޕާ ދޭވީ ނަމަކަށް ކިޔާ އަންހެނަކު އެ އައިސްކްރީމް ގަތީ އޭނާގެ 5 އަހަރުގެ ދަރިފުޅަށް މެންގޯ ޝޭކް ހެދުމަށްޓަކައި ބްލިންކިޓް ކިޔާ އޮންލައިން ޕޭޖަކުންނެވެ.

އަމޫލް ބްރޭންޑުގެ އެ ވެނީލާ އައިސްކްރީމް ލިބުމުން ވަރަށް އުފަލުން އައިސްކްރީމް ތަށީގެ މަތި ހުޅުވާލުމުން އޭނާއަށް ލިބުނީ ހައިރާންކަމެވެ. އައިސްކްރީމް ތަށި ތެރޭގައި އެންމެ މަތީގައި ފެންނަން އޮތީ ބިޗުލެކެވެ.

އައިސްކްރީމް ތަށީގެ މަތިގަނޑު ނަގާލިއިރު ބިޗުލެއް އައިސްކްރީމް ތަށީގެ ތެރޭގައި އޮތް ވީޑިއޯ އޭނާ ވަނީ މީސްމީޑިއާއަށް ދޫކޮށްލާފައެެވެ. އެ ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު ދަނީ ކާއެއްޗެހީގެ ސާފުތާހިރުކަމާ މެދު ސުވާލު އުފައްދައި އެ ކުންފުންޏަށް ފާޑުކިޔަމުންނެވެ.

ދީޕާ ވަނީ އެކަމާއި ގުޅިގެން އޮންލައިންކޮށް އޯޑަރު ކުރި އޮންލައިން ފިހާރައަށް ޝަކުވާ ހުށަހަޅާފައެވެ. އެހެންކަމުން އެ އައިސްކްރީމްގެ އަގަށްވާ ފައިސާ 195 ރުޕީސް ވަނީ ރީފަންޑުކޮށްދީފައެވެ. އަދި އެ މައްސަލަ އަމޫލް ކުންފުންޏާ ހަމައަށް ފޮރުކޮށްދޭނެ ކަމަށް އައިސްކްރީމް ވިއްކި އޮންލައިން ފިހާރައިން ވަނީ ވައުދުވެފައެވެ.

މީގެ ދެ ދުވަސް ކުރިން އިންޑިއާގެ މުމްބާއީގައި ޑރ. އޮރްލެމް ބްރެންޑަން ސެރާއޯ ނަމަކަށް ކިޔާ މީހަކު އޮންލައިންކޮށް ގަތް އައިސްކްރީމަކުން އިންސާނެއްގެ އިނގިއްޔެއް ފެނުނު މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

އެ މީހާ ބުނި ގޮތުގައި ޔުމްމޯ ބްރޭންޑްގެ ބަޓަރސްކޮޗް ފްލޭވާގެ އައިސްކްރީމްގެ ދެބައިކުޅަ އެއްބައި ބޮވުނު ފަހުން އަނގައިގައި ހަރުއެއްޗެއް ޖެހުމުން ފުރަތަމަ ހީވީ ނަޓެއް ނުވަތަ ޗޮކްލެޓް ކޮޅެއް ކަމަށެވެ. ނަމަވެސް ރަނގަޅަށް ބަލާލިއިރު އެއީ އިންސާނެއްގެ އިނގިއްޔެކެވެ. އިނގިލީގައި ނިޔަފަތި ވެސް ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ ހާދިސާއާ ގުޅިގެން އައިސްކްރީމް އުފެއްދި ޔުމްމޯ ކުންފުންޏާ ދެކޮޅަށް އެ މީހާ މިހާރު ވަނީ މަައްސަލަ ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަކަލި

    އިންޑިއާ މީހުން ވަރަށް މުޑުދާރުވާނެ މިގައުމަށް އިންޑިއާގެ އުފެއްދުންތަށް އިމްޕޯޓު ނުކުރުމަށް ގޮވާލަން.