އިންޑިއާގެ ސިކިމްގައި ތާށިވެފައިތިބި 1200 ޓޫރިސްޓުން ސަލާމަތްކުރުމުގެ މަސައްކަތް އެގައުމުގެ ޓޫރިޒަމް މިނިސްޓްރީން ފަށައިފި ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެފިއެވެ.

އިންޑިއާއަށް ކުރި ވިއްސާރައިގައި ސިކިމްގައި ފެންބޮޑުވެ މަގުތަކާއި ގެތަކުގައި ވަނީ ފެންބޮޑުވެފައެވެ. އޭގެ ސަބަބުން މުވާސަލާތީ ނެޓްވޯކްތަކަށް ބުރޫއަރާ އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ޓޫރިސްޓުން ވަނީ ތާށިވެފައެވެ. އެހެންކަމުން މޫސުން ތަންދޭ ނަމަ އަންނަ ހުކުރު ދުވަހާ ހަމަޔަށް އެމީހުން ސިއްކިމްއިން ނެރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ސިއްކިމްގެ ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެބަޔާނުގައި ބުނާގޮތުން މިއަދުން ފެށިގެން ކުރިޔަށް ގެންދަން ނިންމާފައިވާ މި މަސައްކަތުގައި ސިކިމްގެ ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު ޓްޝެރިންގް ތެންޑަޕް ބުޓިއާ އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ސެކްރެޓަރީ ސީ އެސް ރާއޯ ވިދާޅުވި ގޮތުގައި މަންގަން ޑިސްޓްރިކްޓަށް ކުރި ވިއްސާރައިގެ ސަބަބުން، 15 ބިދޭސީން ހިމެނޭ ގޮތަށް 1،215 ފަތުރުވެރިން ފާއިތުވި ހަފްތާއެއްހާ ދުވަހު ވަނީ އެ ސަރަހައްދުގައި ތާށިވެފައިވެއެވެ.

ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނުން ވަނީ ގެއްލުން ލިބުނު އާއިލާތަކަށް 4 ލައްކަ ރުޕީސްގެ ބަދަލެއް ދީފައެވެ.

ސިއްކިމް އަކީ ފަރުބަދަތަކުގެ ތިރީގައި އޮންނަ އަވަށެއް ކަމުން ގިނަ މަގުތައް ހަލާކުވެ، ފަރުބަދަމަތިން ފައިބައިގެން އައި ފެންތައް ސްޓޭޓްގެ މަގުތަކުން ލާފައި ތިރިއަށް ފައިބައިގެން ދިޔައިރު އުފެދުނު ބާރު އޮއިވަރުގެ ސަބަބުން، ގެދޮރު ހަލާކުވެ މީހުން ވަނީ ހާލުގައި ޖެހިފައެވެ. ބިންގަނޑު ކަނޑައިގެންގޮސް މިހާތަނަށް 9 މީހަކު ވަނީ މަރުވެ، 3 މީހަކު ވާނުވާ ނޭގި ވަނީ ގެއްލިފައެވެ.

ހަމައެއާއެކު ޖޫން 12 އާއި 13 ވަނަ ދުވަހުގެ ރޭ މަންގަން ޑިސްޓްރިކްޓްގައި ހިނގި ބިންހެލުމުގައި ހަ މީހުންގެ ވަނީ މަރުވެފައެވެ. ބިންހެލުމާއި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ މުއްދަތުގައި ހަ މީހަކު މަރުވެފައިވާއިރު، ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބި ކަރަންޓާއި ކާބޯތަކެތީގެ ސަޕްލައިތަކާއި މޯބައިލް ނެޓްވޯކްތަކަށް ވެސް ބުރޫއަރާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.