އަލް-އަޤްސާ މިސްކިތުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާދީފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ގުދުސްގެ އަޤްސާ މިސްކިތަށް މީހުން ވަނަ ނުދިނުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި ޗެކް ޕޯސްޓްތައް ވެސް ވަނީ ގާއިމު ކޮށްފައެވެ.

ނިރުބަވެރި އިސްރާއީލުން މިފަދަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ފަލަސްތީނުގެ ބައެއް ރައްޔިތުން ވަނީ އެ ސަރަހައްދަށް ވެދެފައެވެ. އެއާއި އެކީ ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ. އެގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބައެއް ފަރާތްތަކުން އެސަރަހައްދަށް ދިޔަ މަގުމަތީ އެމީހުންނަށް ހަމަލާދީފައެވެ. އަދި އެސަރަހައްދު ދޫކޮށް ދިޔަ ބައެއް ފަރާތްތަކަށް ވެސް ވަނީ ހަމަލާދީފައެވެ.

ނިރުބަވެރި އިސްރާއީލުން މިފަދަ ހަމަލާތަކެއް ދީފައިވާކަން ފަލަސްތީނުގެ "ވަފާ" ނޫހުން ކަށަވަރު ކޮށްދިން ނަމަވެސް ހަމަލާގެ އިތުރުން ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ނިރުބަވެރި އިސްރާއީލުން މިފަދަ ފިޔަވަޅުތަކެއް އަޅައި، އަނިޔާ ކުރި ނަމަވެސް، 40،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ އަޤްސާ މިސްކިތަށް ވަދެ، މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރަމުން އަންނަ އީދު ދުވަހުގެ އީދު ނަމާދު ކޮށްފައެވެ.

އަޤްސާ މިސްކިތަށް ވަންނަ މުސްލިމުންނަށް ނިރުބަވެރި އިސްރާއީލުން އަންނަނީ އަބަދު ވެސް ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކަށް ހުއްޓުމެއް އައިސްފައި ނުވާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި އެކީ އިސްރާއީލުން ވަނީ އަޤްސާ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.