ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހިތްވަރު ގަދަ މުޖާހިދުން މަރާލި ޔަހޫދީންގެ އަނިޔާވެރި 10 ސިފައިންގެ މަރު ޔަހޫދީ އިސްރާއީލްގެ މީޑިއާތަކުން ފޮރުވަން މަސައްކަތް ކުރަމުންދާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

ޔަހޫދީންގެ ސަރުކާރުން އަބަދުވެސް ބުނަމުންދަނީ ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ޔަހޫދީންގެ އަނިޔާވެރިންގެ އަސްކަރިއްޔާ އަށް ކާމިޔާބު ލިބެމުންދާ ދާ ކަމަށާއި އަސްކަރިއްޔާގެ ހަރުދަނާ ޕުލޭންތަކުގެ މަތިން ހަމާސް ޖަމާއަތުގެ މުޖާހިދުން ބަލިކުރެވެމުންދާ ކަމަށެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން އަބަދުވެސް އިސްރާއީލްގެ އާންމު ރައްޔިތުންނަށް އެގައުމުގެ ސަރުކާރުން ފަންޑް ކޮށްގެން ހިންގާ މީޑިއާތައް މެދުވެރިކޮށް ވިސްނައިދެމުން ދަނީ ޣައްޒާގެ ހަނގުރާމަ ދަނީ ވަރަށް ކާމިޔާބުކަމާއި އެކު ކަމަށާއި އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދޭ ކަމަށެވެ.

ނަމަވެސް ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލްގެ އަސްކަރިއްޔާ އިން ހަމާސް ޖަމާއަތުގެ މުޖާހިދުން ބަލިކޮށް ފައްސާލާފައިވާ ކަމަށް ބުނެފައިވާ ސަރަހައްދަކުން އިސްރާއީލްގެ ސިފައިންނަށް ވަރުގަދަ ހަމަލާއެއް އަމާޒުވެ ސިފައިންގެ 10 މީހުން މަރުވުމުން އިސްރާއީލްގެ ސިފައިންގެ ކުރީގެ ޖެނެރަލުން ވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން މި އޮތްހާ ދުވަހު ހަދަމުންދަނީ ދޮގުކަމަށް ބުނެފައެވެ. އަދި ޣައްޒާގައި ހަނގުރާމަ ކުރަމުންދާ ސިފައިންނަށް އެކަށީގެންވާ ރައްކާތެރިކަން ދިނުމަށް ނަތަންޔާހޫގެ ސަރުކާރު ފެއިލްވެފައިވާ ކަމަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާގެ ކުރީގެ ސިފައިން ވަނީ ބުނެފައެވެ.

" ޣައްޒާގައި ކުރަމުންދަނީ ނުރައްކާތެރި ހަނގުރާމަ އެއް. ޣައްޒާ އަކީ ކިހާ ނުރައްކާތެރި ހަނގުރާމައިގެ މައިދާނެއް ކަން މިހާރު އިސްރާއީލްގެ އަސްކަރިއްޔާ އަށް ދަސްވާން ވެއްޖެ. ހަމާސް ޖަމާއަތުން ބޭނުމެއް ނުވާނެ މިހާރު އިސްރާއީލްގެ އަސްކަރިއްޔާ އާ ސީދާ ކުރިމަތިލާކަށް އެމީހުން މިހާރު ކުރަމުން އެދަނީ ގޮރިއްލާ ހަނގުރާމަ. އަބަދުވެސް އަމިއްލަ ވަޒަނުގައި ތިބެގެން ހަނގުރާމަކުރާ ބަޔަކަށް ފައިދާ ބޮޑުވާނެ ގޮރިއްލާ ހަނގުރާމައިގަ. އެހެންވުމުން އިސްރާއީލުގެ އަސްކަރިއްޔާ ޣައްޒާ އަށް ފޮނުވަންވާނީ މި ހުރިހާ ކަމަކަށް ވިސްނާފަ ނަމަވެސް މި ހިނގި ހާދިސާ އިން އަހަރެމެންނަށް މި ފާޅުވީ އަސްލު އިސްރާއީލްގެ ސަރުކާރުން ފޮރުވާފައިވާ ހަޤީޤަތް. މި ހަނގުރާމައިގެ ކަންކަން ބޮއްސުންލާފައި އޮތް ވަރު މި ހާދިސާ އިން ވެސް އެބަ ހާމަވޭ" އިސްރާއީލްގެ އަސްކަރިއްޔާގެ ކުރީގެ ޖެނެރަލަކު އެކްސްގައި ކުރި ޕޯސްޓެއްގައިވެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާގެ ހަނގުރާމައިގެ ޕުލޭންތަކަށް އެގައުމުގެ އަސްކަރިއްޔާގައި ކުރިން ހަރަކާތްތެރިވެފައިވާ އިސް ޖެނެރަލުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސް

    ހުރިހާ ހާލަތެއްގައިވެސް ހަމްދުހުރީ الله ސުބްހާނަހޫ ވަތަޢާލާއަށް، މުޖާހިދުންގެ ހަމަލާތަކުން ނަޖިސް ޒައިނިސްޓުންތަކުގެ މަރު ގަންނަވާފާންދޭ އާމީން.