މޫސުން ގޯސްވުމުގެ ސަބަބުން ޣައްޒާގެ އައްސޭރިފަށުގައި ހަދާފައިވާ އެހީ ވައްދާ ފާލަން ނަގާލުމަށް ނިންމައިފިއެވެ.

ޣައްޒާގެ އައްސޭރިފަށުގައި ހަދާފައިވާ ފާލަމަކީ އެމެރިކާއިން ގާއިމު ކޮށްފައިވާ ފާލަމެކެވެ. މި ފާލަން ނެގުމުގެ މަސައްކަތް އެމެރިކާގެ ސިފައިން ކުރަމުން އަންނައިރު، ސިފައިން ބުނެފައިވަނީ މޫސުމް ގޯސްވުމުގެ ސަބަބުން އެހީ ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

ޣައްޒާއަށް އެހީ ފޯރުކޮށްދޭ ފާލަން ނަގާލުމުގެ މަސައްކަތް އެމެރިކާގެ ސިފައިން ކުރަމުން އަންނައިރު، ފާއިތު ހަފްތާގައި އެ ފާލަން ބޭނުމެއް ވެސް ނުކުރެއެވެ. އެކި އެކި ސަބަބުތަކާއި ހުރެ ފާލަން ބޭނުން ކުރުން މެދުކަނޑާލުމަށްފަހު، ބޭނުން ކުރަން ފަށާފައިވަނީ ވެސް ދާދި ފަހުންނެވެ. އަދި މީގެ ކުރިން މޫސުން ގޯސްވުމުގެ ސަބަބުން ވެސް ފާލަން ވަނީ ހަލާކުވެފައެވެ.

އެމެރިކާގެ އޮފިޝަލުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޣައްޒާގައި މިހާރު ފާލަން ހުރި ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން، މޫސުން ރަނގަޅުވަންދެން އިސްރާއީލުގެ އަޗްޑޮޑްގެ ބަނދަރަށް ފާލަން ބަދަލު ކުރުމާއި ވަރަށް ގާތް ކަމަށެވެ.

އެމެރިކާއިން ހަދާފައިވާ ފާލަން ޣައްޒާގައި ބޭނުން ކުރަން ފަށާފައިވަނީ މިދިޔަ މޭއި މަހުގެ 17 ވަނަ ދުވަހުއެވެ. މި ފާލަން ބޭނުން ކުރަން ފެށި ފަހުން އދ. އިން ބުނީ 137 ޓްރަކްގެ އެހީ ގުދަންތަކަށް ގެންދެވިފައިވާ ކަމަށާއި އެއީ 900 އެއްހާ މެޓްރިކް ޓަނުގެ އެހީ ކަމަށެވެ.