އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އަވަށެއްގައި ހުންނަ ކާޑްބޯޑް ކާރުހާނާއެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެދުނުގެ ވަގުތެއްގައެވެ.

ދިއްލީ ފަޔަރ ސާވިސް ޑިޕާޓްމަންޓުން ބުނިގޮތުގައި ފެކްޓްރީގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް މިއަދު ހެދުނު 7:17 ގައި ވަނީ ލިބިފައެވެ. ރިޕޯޓް ލިބުމާއެކީ އަލިފާން ނިއްވާ ރެސްކިޔު ޓީމްތައް ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.

ރިޕޯޓްތައް ބުނާގޮތުން ދިއްލީގެ ސިނާއީ ސަރަހައްދެއް ކަމަށްވާ މުންދުކާގެ ކާޑްބޯޑް ކާރުހާނާއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލަން، އަލިފާން ނިއްވާ 35 ޓްރަކް ވަނީ ހަރަކާތްވެފައެވެ. މި ހާދިސާގައި މީހަކަށް އަނިޔާ ލިބުނު ކަމެއް އަދި ނޭގެއެވެ. އަލިފާން ރޯވި ވަގުތު ފެކްޓްރީގައި 3 މުވައްޒަފުން އުޅުނު ކަމަށާއި އެމީހުން ރައްކާތެރިކަމާއެކު އެތަނުން ނެރެވުނު ކަމަށް ޗީފް ފަޔަރ އޮފިސަރ ރާހުލް ކުމާރު ވަނީ ބުނެފައެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރާހުލް ބުނީ އަލިފާންގަނޑު ޓްރޮނިކާ ފެކްޓްރީގެ މަތީ ފަންގިފިލާތަކަށް ފެތުރިފައިވާ ކަމަށެވެ. އަދި ވައިގެ ސަބަބުން ކައިރީގައި ހުރި ފެކްޓްރީތަކަށް ވެސް އަލިފާންގަނޑު ފެތުރިފައިވާތީ ކައިރީގައި ހުރި ޑިސްޓްރިކްޓްތަކުން އަލިފާން ނިއްވާ އުޅަނދުތަށް ގެނެވުނު ކަމަށެވެ.

އިއްޔެ ވަނީ ނޮއިޑާގެ ގަމީސް ފެކްޓްރީއެއްގައި ވެސް އަލިފާން ރޯވެފައިވެއެވެ. ގަމީސް ފެކްޓްރީން ފެށިގެން ޖެހިގެން ހުރި ބޭސް ފެކްޓްރީއަށް އަލިފާންގަނޑު ފެތުރިފައިވާތީ އެ އަލިފާންގަނޑު ނިއްވާލެވުނީ 8 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހުގައި ކަމަށާއި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ޗީފް ފަޔަރ އޮފިސަރު (ސީއެފްއޯ) ޕްރަދީޕް ކުމާރު ވިދާޅުވިއެވެ.

މި ދުވަސްކޮޅަކީ އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ހޫނުގަދަ ދުވަސްކޮޅެއްކަމުން ދިއްލީ އާއި ވަށައިގެންވާ ޑިސްޓްރިކްޓްތަކުގައި އަލިފާނުގެ ހާދިސާތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ޣާޒިއާބާދުގެ ޓްރޮނިކާ ސިޓީގެ ސިނާއީ ސަރަހައްދުގައި އަލިފާން ރޯވެފައެވެ. އަލިފާނުގެ ހާދިސާގައި ވެރިރަށް ދިއްލީގައި ހުރި ޕެކޭޖިން ފެކްޓްރީއެއްގައިވެސް ވަނީ އަލިފާން ރޯވެފައެވެ. ގާތްގަނޑަކަށް 24 ވަރަކަށް ފަޔާ ޓެންޑަރުން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު