މައްކާގެ ހޫނުމިން މައްޗަށް ގޮސްގެން، ހައްޖުގެ އަޅުކަމަށް ގޮސް އުޅުނު 6 މީހަކު ނިޔާވެއްޖެއެވެ.

ސައުދީގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މިދުވަސްވަރު މައްކާގެ ހޫނުމިން ހުރީ 48 ޑިގްރީ ސެލްސިއަސްގައެވެ. އެއީ 118 ޑިގްރީ ފަރެންހައިޓެވެ.

ހައްޖުގެ އަޅުކަމަށް ގޮސް އުޅެނިކޮށް ހޫނު ވެގެން ނިޔާވެފައިވާ 6 މީހުންނަކީ ވެސް އުރުދުންއަށް ނިސްބަތްވާ މީހުންނެވެ. އުރުދުންގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނީ، ޖިއްދާގައި ތިބި ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން އެމީހުންގެ ހަށިގަނޑުތައް އެގައުމަށް ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި އެންމެން ނިޔާވި ކަމުގެ ހަބަރު ފެތުރިފައިވަނީ އިއްޔެގެ ވަގުތެއްގައި ހައްޖާޖީން އަރަފާތު ފަރުބަދައަށް ޖަމާވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރެއިން އެކަކުގެ ދައްތަ "ސީއެންއެން" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާގެ ކާފަ ނިޔާވެފައިވަނީ އެތަނަށް ކަމަށާއި އޭނާ ވަޅުލާފައިވަނީ ވެސް އެތަނުގައި ކަމަށެވެ.

މި ހާދިސާގައި 6 މީހަކު މަރުވި ނަމަވެސް މީޑިއާތަކުން އެމީހުންގެ ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ.

ސައުދީގެ ކަމާއި ބެހޭ އިދާރާތަކުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަހަރުގެ ހައްޖުގެ އަޅުކަމަށް 1.5 މިލިއަން މީހުން ވަނީ ގޮސްފައެވެ. އޭގެ ތެރެއިން އުރުދުން އިން ގޮސްފައިވަނީ 4،000 އަށްވުރެ ގިނަ މީހުން ކަމަށް އުރުދުންގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިދުވަސްވަރަކީ މައްކާއަށް ހޫނު ދުވަސްވަރެއް ކަމުން އެސަރަހައްދުގެ ހޮސްޕިޓަލްތަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައިކަން ވެސް ފާހަގަ ކޮށްލެވެއެވެ.