އިނގިރޭސިވިލާތުގައި ކަތިވަޅިން ހަމަލާދީ މީހަކު މަރާލި މައްސަލައިގައި 12 އަހަރުގެ ދެކުދިންގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހު 12 އަަހަރުގެ ދެކުދިން ވަނީ ކަތިވަޅިން ހަމަލާދީ އިނގިރޭސިވިލާތުގެ މެދުތެރޭގެ ވޮލްވަރހެމްޕްޓަންގެ ޕާކެއްގައި އުމުރުން 19 އަހަރުގެ ޝޯން ސީސާހައި މަރާލައިފައެވެ.

ވެސްޓް މިޑްލެންޑްސް ފުލުހުން ނެރުނު ބަޔާނުގައި މި ހަމަލާގައި ހިމެނޭ ދެ ފިރިހެން ކުދިންގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށެވެ.

ގާނޫނީ ސަބަބުތަކާ ހުރެ އެ ކުދިންގެ ނަން ހާމަ ކޮށްފައެއް ނުވެއެވެ.

އެންގުއިލާއަށް ނިސްބަތްވާ ސީސަހައީ އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާތާ ހަ މަސް ދުވަސް ފަހުން މި ހަމަލާ ދިންއިރު، ފުލުހުން ބުނި ގޮތުގައި މި ހަމަލާ ދީފައިވަނީ ސީސަހައި އާއި އޭނާގެ އެކުވެރިޔާ ޕާކުގައި ތިއްބާއެވެ.

މި މައްސަލައިގައި ނޮޓިންހަމް ކްރައުން ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ ސީސަހައި ޕާކުގައި ހުއްޓާ އެ ދެކުދިން ގޮސް އޭނާއަށް ހަމަލާދީ ފައިން ޖަހައި ބިންމައްޗަށް ވައްޓާލުމަށްފަހު، 42.5 ސެންޓިމީޓަރު ހުންނަ ވަރުގެ ކަތިވަޅިައަކުން ހަމަލާދީ މަރާލާފައިވާ ކަމަށެވެ.

ހެކިވެރިއަކު ކޯޓުގައި ބުނީ 12 އަހަރުގެ ދެ ކުދިންގެ ތެރެއިން އެއްކުއްޖަކު ސީސަހައިގެ ފައިގައި ކަތިވަޅިން ޖަހާފައިވާ ކަމަށާއި، ދައުވާ ލިބޭ އަނެއް ކުއްޖާ ސީސަހައިގެ ބޮލަށް ވަޅިން ހަމަލާދީފައިވާ ކަމަށެވެ.

ސީސަހައި އަށް ބޮޑެތި އަނިޔާ ތަކެއް ލިބިފައިވާ ކަމަށްވެސް އެ ރިޕޯޓްގައި ބުނެއެވެ.

މި ހަމަލާ ހިންގި ދެ ކުދިން ހައްޔަރުކޮށްފައި ވަނީ ދެ ދުވަސް ފަހުންނެވެ. އެ ދެކުދިން ނިދާ އެނދުގެ ދަށުން ހަމަލާ ދިން ކަތިވަޅި ފެނިފައިވާ ކަމަށް ވެސްޓް މިޑްލެންޑްސް ފުލުހުން ބުނެއެވެ. އަދި ދާ ވަށިގަނޑުން ލޭ ހުރި ހެދުންތަކެއް ފެނިފައިވާ އިރު އޮފިސަރުން އަތުލައިގަތް މޯބައިލް ފޯނަކުން ފޮރެންސިކް ތަހުލީލުތަކުން ބޮޑެތި ވަޅިތަކާއި އެހެނިހެން ހަތިޔާރުގެ އެތައް ފޮޓޯއެއް ފެނިފައި ވެެއެވެ.

ކިޔުންތެރިންގެ ހިޔާލު