ބިރުވެރިކަމާއި ހިތްދަތިކަމުން ފުރިފައިވާ ފަލަސްތީނުގެ ޣައްޒާގެ އަވަަށެއްގައި މިއަދު މުސްލިމުން ފާހަގަކުރަމުންދާ އަޟްހާ އީދުގެ ކުޅިވަރުތަކެއް ކުރިއަށް ގެންގޮސް، ކުޑަކުދިންގެ މޫނުތަކަށް ހިނިތުންވުން ގެނެސްދީފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން އުފާވެރި ކަމާއި މަޖަލުގައި އަޟްހާ އީދު ފާހަ ކުރާނެއެވެ. އެހެން ނަމަވެސް ޣައްޒާގައި ދިރިއުޅެމުންދާ މުސްލިމް އާއިލާތަކަށް އީދު އައިސްފައި ވަނީ ބޮން އެޅުމާއި، އަނިޔާ އާއި ބިރުވެރިކަމާއި ހިތްދަތިކަމާއި ރުއިމުގެ ތެރެއިންނެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ބޮޑު ގަތުލު އާންމެއް ދަނީ ހިންގަމުންނެވެ. މި ގަތުލު އާންމުގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޝަހީދު ކުރަމުންދާއިރު، އެތައް އާއިލާއެއް ވަނީ ބިކަވެފައެވެ. ކޮންމެ ދުވަހަކުވެސް ޣައްޒާގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ދަނީ ލިބެމުންނެވެ. މި ހަމަލާތަކުގެ ސަބަބުން ޝަހީދުވި އަންހެނުންނާއި ކުޑަކުދިންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ހާލުގައި ޖެހިފައިވާ މީހުންނާއި ކުޑަކުދިންގެ އަދަދު ގުނާ އަދަދެއް ނުކުރެވެއެވެ.

ޣައްޒާގައި އީދު ފާހަގަކުރުން - ޔޫއެންއާރުޑަބްލިއުއޭ

މުސްލިމުން އީދު ފާހަގަކުރަމުންދާއިރު، އދ.ގެ އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) އިން ދަނީ ޚާން ޔުނިސް ކައިރީގައި ކަނޑައަޅާފައިވާ އިވެކުއޭޝަން ޒޯނެއް ކަމަށްވާ އަލް-މަވާސީގައި ހާލުގައި ޖެހިފައިވާ ކުދިންނަށް އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.

އެ މީހުންގެ އަތުގައި ހުރި މަދު ވަސީލަަތްތަކާއެކު މިކަން ކުރަމުންދާއިރު، އާއްމުވެފައިޥާ ފޮޓޯތަކުން އެ ކުދިން ތިބީ ހިނިތުން ވެލައިގެންނެވެ. އެ ބިރުވެރިކަމުގެ ތެރޭގައިވެސް އެ ކުދިންނަށް ކުޑަ މިންވަރަކަަށް ނަމަވެސް ހިތްހަމަޖެހުމެއް ލިބުނު ކަހަލައެވެ. އެހެން ނަމަވެސް މިއީ ވަގުތީ ކަމެކެވެ. ކުޑަވަގުތުކޮޅަކަށް ލިބޭނެ އުފާވެރިކަމެކެވެ.

މުޅި ޣައްޒާ އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މިކަމުން ސަލާމަތް ވާނެ ކަމުގެ އުއްމީދެއް ނެތި އެތައް ބަޔަކު ދަނީ ދިރިއުޅެމުންނެވެ.

ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި މިހާތަނަށް 37،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.