މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފަށައިގެން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް ކަމަށްވާ އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލަށް ބޭނުންވެ ހަނގުރާމަ ހުއްޓާނެ ގޮތެއް ނުފެނިގެން އުޅޭ ކަމަށް މެދުއިރުމަތީގެ ސިޔާސީ ކަންކަން ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ޕުރޮފެސަރ ހަސަން ބަރާރީ ވިދާޅުވެއްޖެއެވެ.

ޤަތަރު ޔުނިވާސިޓީގައި އިންޓަނޭޝަނަލް ރިލޭޝަންސް ކިޔަވައިދެއްވާ ޕުރޮފެސަރ ހަސަން ބަރާރީ ވިދާޅުވީ އިސްރާއީލަށް މި ފަހުން ހަނގުރާމައިގައި ލިބެމުންދާ ގެއްލުންތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މި ކަމުން ދޭހަކޮށްދެނީ އިސްރާއީލްގެ އަސްކަރިއްޔާ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ މުޖާހިދުންގެ ހަމަލާދިނުމުގެ ވައްޓަފާޅީގެ ކުރިމަތީގައި ފެއިލްވަމުންދާ ކަން ކަމަށެވެ. އަދި ހަމާސް ޖަމާއަތުގެ މުޖާހިދުން ބޭނުން ވަގުތެއްގައި ޣައްޒާގެ ބޭނުންތާކުން އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާގެ އަމާޒުތަކަށް ހަމަލާދިނުމަކީ އިސްރާއީލު ޣައްޒާގެ ހަނގުރާމައިގައި ބަލިވަމުންދާ ކަމުގެ އިޝާރާތެއް ކަމަށެވެ.

"އިސްރާއީލްގެ ވެރިން ބޭނުމެއް ނުވޭ ސުލްހައިގެ ވާހަކަތަކުގައި ވެސް ބައިވެރިވާކަށް. އިސްރާއީލްގެ ވެރިން ބޭނުމެއް ނުވޭ ހަމަލާތައް ހުއްޓާކަށް ވެސް. ނަމަވެސް އެންމެންނަށް ވެސް އެނގޭ ހަޤީޤަތަކީ އިސްރާއީލުން ކުރަމުންދަނީ ހަރަދު ބޮޑު ހަނގުރާމައެއް ކަން. ނަމަވެސް މި ހަނގުރާމައިގައި 8 މަސް ދުވަސްވީ އިރުވެސް އިސްރާއީލަށް އެމީހުން އެއްގަމު މަގުން ޣައްޒާ އަށް އެރި މަޤްޞަދު ހާޞިލެއް ނުވޭ. އަދި މިހާރު އިސްރާއީލުން ވެސް ބޭނުންވަނީ މި ހަރަދު ބޮޑު ހަނގުރާމަ ހުއްޓާލަށް ނަމަވެސް އެމީހުންގެ ބަލި ޤަބޫލުކޮށް ހަނގުރާމަ ހުއްޓާނެ ގޮތެއް އިސްރާއީލަކަށް ނޭނގޭ" ޕުރޮފެސަރ ހަސަން ބަރާރީ ވިދާޅުވިއެވެ.

އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން މިހާރު ވަނީ މުޅި ރަފަހްގެ ދެބައި ކުޅަ އެއްބައި އެމީހުންގެ ސީދާ ބާރުގެ ދަށަށް ގެނެސްފައި ކަމަށާއި ނަމަވެސް ފަލަސްތީނުގެ ހިތްވަރުގަދަ މުޖާހިދުން އަދިވެސް އެ ދަނީ ހިތްވަރާއި އެކީ ހަނގުރާމަ ކުރަމުން ކަމަށާއި އަދި އިސްރާއީލްގެ ސިފައިން މަރަމުން ކަމަށެވެ. މިހާހިސާބުން ވެސް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ ފެއިލް ވެއްޖެ ކަމަށް އެގައުމުގެ ސަރުކާރުން ޤަބޫލުކޮށް ހަނގުރާމަ ހުއްޓާލަށް ވެއްޖެ ކަމަށް ހަސަން ބަރާރީ އަލް ޖަޒީރާ އަށް ދެއްވި އިންޓަވިއު އެއްގައި ވަނީ ބުނެފައެވެ.