40،000 ފަލަސްތީން މީހުންނާއެކު މުސްލިމުންގެ މުގައްދަސް މިސްކިތް، މަސްޖިދުލް އަގްސާގައި އަޟްހާ އީދު ނަމާދު ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފަލަސްތީނުގެ 40،000 އެއްހާ މީހުން ހިފާފައިވާ އިރުމަތީ ގުދުސްގެ އަލްއަގްސާ މިސްކިތުގައި އަޟްހާ އީދު ނަމާދު ކުރި ނަމަވެސް އުފާވެރި މާހައުލެއް އެ ސަރަހައްދުގައި ނެތެވެ. އެއީ ނިރުބަވެރި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ގަތުލު އާންމުގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޝަހީދު ކުރަމުންދާތީއެވެ.

މި ގަތުލު އާންމު ހިންގާތާ މިހާރު އަަަށް މަސް ވެއްޖެއެވެ

ގުދުސްގައި ހުންނަ އިސްލާމިކް އެންޑޯމަންޓްސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ 40،000 އެއްހާ މީހުން އެތަނުގައި އީދު ނަމާދު ކޮށްފައިވަނީ އެތައް ހާސް ބަޔަކު އެތަނަށް ވަނުމަށް ހުރަސް އަޅާފައި ވަނިކޮށެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މިއަދު ހެނދުނު އަލްއަގްސާ މިސްކިތަށް އީދު ނަމާދަށް ދިޔަ މަގުމަތީގައި މީހުންނަށް ހަމަލާދީފައި ވެއެވެ. އަދި އީދު ނަމާދަށް މިސްކިތަަށް ވަނުމަށް އެތައް ބަޔަކަަށް ހުރަސް އެޅި ކަމަަށް ވެއެވެ.

"ފަތިހުގެ ވަގުތެއްގައި އަލްއަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަދެ، އިސްރާއީލު ސިފައިން ވަނީ ނަމާދުކުރާ މީހުންގެ ވަނަވަރު ބެލުމަށްފަހު، އެމީހުންގެ ދަތުރުފަތުރަށް ހުރަސް އަޅައު، އެތައް ޒުވާނުންނެއް މިސްކިތަަށް ވަނުމަށް ހުރަސް އަޅައި، މިސްކިތުގެ ދޮރުން ބޭރުގައި ނަމާދުކުރަން މަޖުބޫރު ކުރުވާފައި،". އެ ބަޔާނުގައި ވެއެވެ.