ޔަހޫދީ ދީނުގެ ހަރުކަށި ފިކުރުގެ މީހުން އިސްރާއީލްގެ އަސްކަރިއްޔާ އަށް ވައްދަށް ޖެހޭ ކަމަށް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ ވެރިޔާ ހަރްޒީ ހަލޭވީ ބުނެފިއެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ހިތްވަރާއި އެކީ ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ސިފައިންނާ ވަރަށް ވަރުގަދަ އަށް ހަމަލާ ބަދަލު ކުރަމުންދާ ޣައްޒާ އަށް ކުރި ދަތުރެއްގައި އިސްރާއީލްގެ އަސްކަރިއްޔާގެ ވެރިޔާ ބުނީ އަސްކަރިއްޔާ އެންމެ ރަނގަޅަށް އެ އަސްކަރިއްޔާއެއްގެ މަޤްޞަދު ހާޞިލް ކުރަން ބޭނުންވަންޏާ އެ އަސްކަރިއްޔާއެއްގެ ފަލްސަފާ އަށް ފުރިހަމައަށް ތަބާވެ އެ ފަލްސަފާ ދިރުވާނެ ބަޔަކު ތިބުން އެއީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

" އިސްރާއީލްގެ ރައްޔިތުންގެ ހައްޤުގައި އެތައް މަހެއް އާއިލާތަކާއި ދުރުގައި އަސްކަރިއްޔާގެ ސިފައިން ތިބެން ޖެހުމަކީ ފަސޭހަކަމެއް ނޫން އެކަމު އަހަރެމެން އިސްރާއީލްގެ ސިފައިން ވަމުންދާ ގުރުބާނީތައް ބަލައިގަންނަށް. އިސްރާއީލްގެ ސަރުކާރުން އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިންގެ އަގު ވަޒަން ކުރޭ" ހަލަވީ ޣައްޒާގައި ތިބި ޔަހޫދީންގެ އަނިޔާވެރި ސިފައިންނާއި ވާހަކަދައްކަމުން ބުނެފައިވެއެވެ.

އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ ވެރިޔާ ހަލަވީގެ މި ދަތުރަކީ ފަލަސްތީނުގެ ޣައްޒާގައި ހަމާސް ގެ ހިތްވަރު ގަދަ މުޖާހިދުންގެ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ސިފައިންގެ ހިތްވަރު އެލިފައިވުމުން ސިފައިންގެ ހިތްވަރު އާކުރުމަށް ކުރި ދަތުރެއް ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ އަމާޒުތަކަށް ހަމާސް ޖަމާއަތުގެ މުޖާހިދުން ދަނީ ވަރަށް ވަރުގަދަ އަށް ހަމަލާދީ ހަމާސް ބަލިކުރުމަކީ އިސްރާއީލްގެ އަނިޔާވެރިން ހީކުރިހާ ފަސޭހަ ކަމަކަށް ނުވާނެ ކަން ސާބިތުކޮށްދެމުންނެވެ.