މަޝްހޫރު ޝެފް ގޯޑަން ރަމްސީ އެކްސިޑެންޓުވެ ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

ގޯޑަން އެކްސްގައި ކުރި ޓްވީޓެއްގައި އޭނާއަށް ލިބުނު އަނިޔާތަކުގެ ވާހަކަ ވަނީ ކިޔައިދީފައެވެ. އޭނާ ކިޔައިދިން ގޮތުގައި އޭނާ ބައިސްކަލު ދުއްވަމުން ދަނިކޮށް ދާދި ފަހުން ވަނީ ބޮޑު އެކްސިޑެންޓެއް ވެފައެވެ. އަދި މިއީ ޓްރައިތަލޯން ބައިސްކަލު މުބާރާތުގެ ތެރެއިން ހިނގި އެކްސިޑެންޓެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

https://x.com/FearedBuck/status/1802164997184684083

ގޯޑަންއަކީ ބައިސްކަލު މުބާރާތްތަކުގައި އާންމުކޮށް ބައިވެރިވާ މީހެކެވެ. އޭނާ ބުނިގޮތުގައި އޭނާގެ ފުރާނަ ސަލާމަތް ވެފައިވަނީ އޭނާ އަޅައިގެން ހުރި ހެލްމެޓުގެ ސަބަބުންނެވެ. އެއާއެކު އެއްވެސް އެއްޗެއް ދުއްވާއިރު ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އެޅުމަށް ގޯޑަން ވަރަށް ބޮޑަށް އެދުނެވެ.

މި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކުގެ ވާހަކަ ދައްކަމުން އޭނާ ވަނީ ލައިގެން ހުރި ކޯޓު ހިއްލާލާ ބެލުންތެރިންނަށް ދައްކާލާފައެވެ. އޭނާގެ މުޅި އުނަގަނޑުން ފެށިގެން މެއާ ހަމައަށް އެއްކޮށް އޮތީ ދަނބުވެ ދުޅަވެފައެވެ. އަދިވެސް މުޅި ގަޔަށް ތަދުވާ ކަމަށް ގޯޑަން ވަނީ ބުނެފައެވެ. ނަަމަވެސް އޭނާއަށް ވީ ވަރަކުން މަސައްކަތްތާއިގެން ކުރިޔަށް ދާ ކަމަށް ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގެ ސަބަބުން އޭނާ ސަލާމަތްވިކަން ވެސް ގަބޫލު ނުކުރެވޭ ކަމަށް ގޯޑަން ވަނީ ބުނެފައެވެ. އަދި ޓްރޯމާ ޑޮކްޓަރުންނާއި ސާޖަންތަކުގެ އެހީއާނުލައި ސަލާމަތްނުވެވޭނެ ކަމަށް ވެސް އޭނާ ގަބޫލުކުރެއެވެ. އަދި, އޭނާއަށް ފަރުވާ ދިން ހުރިހާ އެންމެންނަށް ގޯޑަން ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

އޭނާ ވާހަކަ ދައްކަމުންދިޔައިރު އޭނާގެ އަތްވެސް ތުރުތުރު އަޅައެވެ. އޭނާގެ ހާލު އެހާ ރަނގަޅު ނޫން ކަމަށް ވަނީ ބުނެފައެވެ.

ސްކޮޓްލޭންޑްގެ ގްލާސްގޯ ކައިރީގައި އޮންނަ ޖޯންސްޓޯން އަށް ނިސްބަތްވާ ރަމްސޭ ވަނީ މީގެ 20 އަހަރު ކުރިން ޓީވީން މަޝްހޫރުކަން ހޯދުމަށް ފަހު ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ޝެފް އަކަށް ވެފައެވެ. އިނގިރޭސިވިލާތާއި އެމެރިކާގެ ގިނަ ރެސްޓޯރެންޓްތަކެއްގެ ވެރިއެއްގެ ގޮތުގައި އެންމެން ދަންނަ ގޯޑެން މިހާރު ފެނިގެންދަނީ އެމެރިކާގެ އެންމެ ފަހުގެ ސީރީޒް ޝޯ "ނެކްސްޓް ލެވެލް ޝެފް" އިންނެވެ.