ނިއުޒިލޭންޑުގެ ކުއީންސްޓައުން އިން 73 ފަސިންޖަރުންނާއެކު ފުރި ވާޖިން އެއާލައިންސްގެ މަތިންދާ ބޯޓެއް ދަތުރު ކުރަމުންދަނިކޮށް ބޯޓުގައި އަލިފާން ރޯވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން ފްލައިޓް ދަތުރުކުރަމުން ދަނިކޮށް މައްސަލައެއް ދިމާވެގެން އަލިފާން ރޯވީ ބޯޓުގެ އިންޖީނުގައެވެ. މިއާއެކު އެމަޖެންސީކޮށް އެ ބޯޓު ވަނީ އިންވަކާގިލް އެއާޕޯޓުގައި ޖައްސާފައެވެ.

މަތީގައި އޮއްވާ ފްލައިޓުގެ އިންޖީނުގައި އަލިފާން ރޯވެފައިވާ މަންޒަރު ފެނުނު ކަމަށް ބައެއް ފަސެންޖަރުން ބުނެފައިވާއިރު، އެވަގުތު ބާރު އަޑުފަށްގަނޑެއްވެސް ގޮވި ކަމަށްވެސް ބުނެފައި ވެއެެވެ.

ކުއީންސްޓައުން އެއާޕޯޓުގެ ތަރުޖަމާނަކާ ހަވާލަދީ ރިޕޯޓްތައް ބުނީ ވާޖިން އޮސްޓްރޭލިއާގެ ފްލައިޓް ވީއޭ 148 މަރުކާގެ ބޯޓު ކުއީންސްޓައުން އެއާޕޯޓުން ފުރީ އިއްޔެ ހަވީރު 5:59 ހާއިރު ކަމަށެވެ. ނައްޓާލިތާ މާގިނަ އިރުތަކެއް ނުވެ ބޯޓުގައި އަލިފާން ރޯވިއިރު، އެންމެ ކައިރީގައި އޮތް އެއާޕޯޓަކަށް ބޯޓު ޑައިވާޓް ކުރީ ކަމަށްވެސް ބުނެފައި ވެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ ބޯޓުުން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށަ ރިޕޯޓުތައް ބުނެއެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނާގޮތުގައި މި ހާދިސާ ހިނގަން މެދުވެރިކަމަށް ބޮޑަށް ބެލެވެނީ އިންޖީނުގެ ކޮމްޕްރެސާ ސްޓޯލް މައްސަލައަކާއި ގުޅިގެންނެވެ.

ބޯޓުން ދަތުރުކުރި ފަސިންޖަރަކު މީސް މީޑިއާގައި ހާމަކުރި ގޮތުގައި ބޯޓު ދަތުރުކުރަމުން ދަނިކޮށް ގިނަ އަދަދެއްގެ ދޫނިތައް ބޯޓުގައި ޖެހުނުކަން ޕައިލެޓު ވަނީ އިއުލާންކޮށްފައެވެ. ދެން ކުއްލިއަކަށް އެއް އިންޖީނުން ދުން އަރާތަން ފެނުނު ކަަމަށާއި އިންޖީނުގައި ދޫންޏެއް ޖެހުނީ ކަމަށް އޭނާ ވަނީ ބުނެފައެވެ.