އިންޑިއާގައި ދެރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި 8 މީހުން މަރުވެ 25 މީހުންނަށް އަނިޔާވެއްޖެއެވެ.

ހުޅަނގު ބެންގަލްގެ ދަރުޖީލިންގް ޑިސްޓްރިކްޓްގައި މިއަދު ހެނދުނު އެކްސްޕްރެސް ރޭލަކާއި މުދާ އުފުލާ ރޭލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެ ޜޭލުން ދަތުރުކުރި މީހުންގެ ތެރެއިން 8 ފަސިންޖަރުން މަރުވެ 25 މީހަކަށް ވަނީ އަނިޔާވެފައެވެ. މި އެކްސިޑެންޓު ހިނގީ ކަންޗަންޖުންގާ އެކްސްޕްރެސް އާސާމްގެ ސިލްޗާ އިން ކޮލްކަތާގެ ސީލްދާ އަށް ދަތުރު ކުރަމުން ދަނިކޮށް މުދާ އުފުލާ ރޭލެއް ފަހަތުން އައިސް ޖެހި ނިއު ޖަލްޕައިގުރީއާ ކައިރި ރަންގަޕަނީ ސްޓޭޝަން ކައިރިންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި އެކްސިޑެންޓުގައި ކަންޗަންޖުންގާ އެކްސްޕްރެސްގެ ބައެއް ވެސް ހަލާކުވިއެވެ. އަދި ކާގޯ ވެން އާއި ގާޑުގެ ކޯޗާއި ފަސިންޖަރުންގެ ކޮމްޕާޓްމަންޓްތައް ހިމެނޭ ކަންޗަންޖަންގާ އެކްސްޕްރެސް ދިޔަ ގޮތަށް ގޮސް އަނެއް ރޭލުގެ މައްޗަށް ވަނީ އަރާފައެވެ.

ޗީފް މިނިސްޓަރު މަމަތާ ބެނާޖީ ބުނީ ޑޮކްޓަރުންނާއި ޑިޒާސްޓަރ ރެސްޕޮންސް ޓީމުތައް އެތަނަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ހިތާވެރި ހާދިސާއެއް ކަމަށާއި އެހީ ބޭނުންވާ ފަރާތްތަކަށް އެޙިތެރިކަން ފޯރުކޮށް ދެމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

ކަންޗަންޖުންގާ އެކްސްޕްރެސް އަކީ ކޮންމެ ދުވަހަކު ވެސް ބެންގަލް އާއި އިރުއުތުރުގެ ސިޓީތަކެއް ކަމަށްވާ ސިލްޗާ އާއި އަގަރްތަލާ ގުޅުވާލާ ރޭލެކެވެ. މި ރޫޓަކީ އިރުއުތުރު އާއި އިންޑިއާގެ އެހެން ސަރަހައްދުތައްވެސް ގުޅުވާލާ މަގެކެެވެ. މި ރޫޓުގައި ހިނގާ އެކްސިޑެންޓުގެ އަސަރު އެހެން ބައެއް ރޭލުތަކުގެ ދަތުރުތަކަށްވެސް ފޯރާނެ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކާންޗަންޖުންގާ އެކްސްޕްރެސް އަކީ ދަރުޖީލިންގަށް ދަތުރުކުރުމަށް ފަތުރުވެރިން ގިނައިން ބޭނުންކުރާ ތަނެކެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ކޮލްކަތާ އާއި އަވަށްޓެރި ދެކުނު ބެންގާލްގައެވެ.

ރޭލްވޭސް މިނިސްޓަރު އަޝްވިނީ ވައިޝްނައު ވަނީ އެކްސިޑެންޓް ހިނގި ތަނަށް ފުރާވަޑައިގެންފައެވެ. އޭނާ ވިދާޅުވީ މިހާދިސާގައި އަނިޔާ ލިބުނު މީހުންނަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލްތަކަށް ގެންދަމުންދާ ކަމަށާއި ކަމާއި ބެހޭ ފަރާތްތަކުން އެތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު