ސައުދީ އަރަބިއްޔާ ހޫނުގަދަވެ، ހައްޖާޖީންގެ ތެރެއިން އުރުދުންއަށް ނިސްބަތްވާ 14 މީހަކު ނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ހައްޖުގެ އަޅުކަން އަދާކުރަމުން ދަނިކޮށް ހޫނުގަދަވެ "ސަން ސްޓްރޯކް" ޖެހިގެން 14 މީހަކު މަރުވެ އިތުރު 17 މީހަކު ގެއްލިފައިވާ ކަމަށް އުރުދުންގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މަރުވި މީހުންގެ ހަށިތައް ވަޅުލުމުގައި ނުވަތަ އުފުލުމުގެ އިޖުރާއަތްތައް ސައޫދީގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެފަރާތްތަކުގެ ޢާއިލާތަކުން އެދޭ ގޮތަށް ބަލަމުން އަންނަ ކަމަށެވެ.

ގެއްލުނު ހައްޖާޖީން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ބުނި ގޮތުގައި އީރާނުގެ ރެޑް ކްރެސެންޓުން އެގައުމުގެ ފަސް ހައްޖުވެރިންގެ ފުރާނަ ގެއްލިފައިވާކަން ކަށަވަރުކޮށްދީފައިވެއެވެ. ނަމަވެސް އެ މީހުން ނިޔާވީ ކިހިނެއް ކަމެއް އެގައުމުން ހާމަކޮށްފައި ނުވެއެވެ.

މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެތެރޭގައި 240 މީހުން މަރުވެފައިވާއިރު، 2015 ވަނަ އަހަރު ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާގައި 2000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިއަހަރު 1.8 މިލިޔަނަށްވުރެ ގިނަ މީހުން މިއަހަރު ހައްޖަށް ގޮސްފައިވާއިރު ދާދި ފަހުން ވަނީ ދިވެއްސަކުވެސް ނިޔާވެފައެވެ.

މީހުން ގިނަވެ ތޮށްޖެހުމާއި، ޓެންޓު ގައި އަލިފާން ރޯވުން ފަދަ ހާދިސާތައް މީގެ ކުރިންވެސް ވަނީ ހިނގާފައެވެ. އެހެންނަމަވެސް ސައުދީ އަރަބިއްޔާއަށް ހޫނުގަދަ ވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ.

މިއަހަރު ހައްޖު މޫސުމުގައި އާދަޔާ ޚިލާފަށް ހޫނުގަދަވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ. މިފަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން 225 މީހަކަށް އަރަފާތު ފަރުބަދަ ކައިރީގައި ހުންނަ ފަރުވާދޭ މަރުކަޒަކުން ފަރުވާދީފައިވާ ކަމަށާއި އެމީހުންނަށް ފަރުވާ ދޭން ޖެހުނީ ހޫނުގަދަވުމުގެ ސަބަބުން ކަމަށް ސައުދީގެ ރަސްމީ ޕްރެސް އެޖެންސީން ވަނީ ބުނެފައެވެ.

އެހެންކަމުންސައުދީ ގެ ސިއްހަތާ ބެހޭ ވުޒާރާއިން ވެސް ވަނީ 10:00 އިން 16:00 އާ ދެމެދު ދުވާލުގެ އެންމެ ހޫނު ގަދަ ވަގުތުތަކުގައި ހައްޖުވެރިން ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފަ އެވެ.