ސައުދި އަރައްބިޔާއަށް އާދަޔާ ޚިލާފަށް ހޫނުގަދަވެ ހައްޖާޖީން ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށް ޖަމްރާތައްވެސް ބަންދުކޮށްފިއެވެ.

ސައުދީ ހައްޖު މިނިސްޓްރީން ވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރާ ހަމަޔަށް ބޭރަށް ނުނިކުމެ އެކޮމޮޑޭޝަން ބްލޮކްތަކުގައި ތިބުމަށް ހައްޖުވެރިންނަށް އަންގާފައެވެ. އެ މިނިސްޓްރީން މިގޮތަށް އެންގީ އެ ގައުމުގެ މޫސުމާއިބެހޭ އިދާރާގެ ލަފާގެ މަތިންނެވެ.

މައްކާގެ ހޫނުމިން މިވަގުތު ހުރީ 47 ޑިގްރީ ސެލްސިއަސްގައެވެ. އަދި އިހުސާސް ކުރެވޭ ހޫނުމިން 70 އާއި ގާތްކުރާ ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

ހޫނުގަދަވުމުގެ ސަބަބުން ހީޓް ސްޓްރޯކް ޖެހިގެން އުރުދުންގެ 14 މީހަކު ނިިޔާވެފައިވާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިއަހަރު ހައްޖު މޫސުމުގައި އާދަޔާ ޚިލާފަށް ހޫނުގަދަވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.

ސައުދީގެ ރަސްމީ ޕްރެސް އެޖެންސީން ބުނެފައިވާގޮތުގައި، މިފަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން 225 މީހަކަށް އަރަފާތު ފަރުބަދަ ކައިރީގައި ހުންނަ ފަރުވާދޭ މަރުކަޒަކުން ފަރުވާދީންއިރު، އެމީހުންނަށް ފަރުވާ ދޭން ޖެހުނީ ހޫނުގަދަވުމުގެ ސަބަބުންނެވެ.

ސައުދީ ގެ ސިއްހަތާ ބެހޭ ވުޒާރާއިން ވެސް ވަނީ 10:00 އިން 16:00 އާ ދެމެދު ދުވާލުގެ އެންމެ ހޫނު ގަދަ ވަގުތުތަކުގައި ހައްޖުވެރިން ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފައެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ހޫނުމިން ދަށްކުރުމަށްޓަކައި މައްކާއާއި މަދީނާގެ ހުރިހާ މައި މައިދާންތަކެއްގައި މިސްޓިންގ ސިސްޓަމްތަކާއި ޕޯޓަބަލް ވޯޓަރ ސްޓޭޝަންތައް ގާއިމްކޮށްފައިވާ ކަމެވެ. އަދި މައްކާގެ ބޮޑު މިސްކިތުގެ ތަޅުންގަނޑުގެ އިތުރުން ވަށައިގެންވާ ޓެންޓްތަކުގައިވެސް އޭސީކޮށްފައިވާ ކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ސައުދީގެ ކަމާއި ބެހޭ އިދާރާތަކުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަހަރުގެ ހައްޖުގެ އަޅުކަމަށް 1.5 މިލިއަން މީހުން ވަނީ ގޮސްފައެވެ. މިދުވަސްވަރަކީ މައްކާއަށް ހޫނު ދުވަސްވަރެއް ކަމުން އެސަރަހައްދުގެ ހޮސްޕިޓަލްތައްވެސް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައިކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 123

    ދެންއެހެންފަހަރަކުން ހިލައުކަންދާނީ .