އިންޑިއާގެ އަމްރިތްސަރުގައި ފެންގަނޑަކަށް ގެނބުނު ކުދިންތަކެއް ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި ތިއްބާ ފެނިއްޖެއެވެ.

މި ކުދިންނަކީ އާދީއްތަ ދުވަހުގެ މެންދުރު ހޫނުގަދަވުމުގެ ސަބަބުން ޔޫބީޑީސީގެ ލާހޯރު ބްރާންޗުގައި ހުންނަ ފެންގަނޑަކަށް ފެންވަރަން ދިޔަ ކުދިންތަކެކެވެ.

ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އަމްރިތުސާރު ޑިސްޓްރިކްޓްގެ ހަރްޝާ ޗިނާ އަވަށުގައި ފެންގަނޑަކަށް އިއްޔެ މި ކުދިން ގެއްލުނީ ފަތަން ގޮސް އުޅެނިކޮށެވެ. މި ކުދިން ގެނބުނުއިރު، ކުދިން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައީ ފުލުހުންނާއި، ބޯޑަރު ސެކިއުރިޓީ ފޯސްގެ އިތުރުން، ޑިޒާސްޓާރ ރެސްޕޮންސް ފޯސްގެ ޓިމަކާއި އެކުގައެވެ.

ހަތަރު ކުދިން ގެއްލުނު ހާދިސާއާއެކު ފެށި އޮޕަރޭޝަންގައި ދެ ކުއްޖެއްގެ ހަށިގަނޑު ޑައިވަރުންނަށް ރޭ ފެނިފައިވާއިރު ތިން ވަނަ ކުއްޖާގެ ހަށިގަނޑު ފެނުނީ މިއަދު ހެނދުނެވެ. އަދި ހަތަރު ވަނަ ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވިފައި ވަނީ މަގުމަތިން ދިޔަ މީހަކަށް އޭނާ ފެނިގެން ނެގުމުންނެވެ.

ޓޯލާ ނަންގަލް އަވަށަށް ނިސްބަތްވާ މިކުދިންނަކީ އާއިލާއެކީ ގުރުދުވާރާ ޝަހީދު ބާބާ ބާގް ސިންގްގައި ބާއްވާ އަހަރީ ފެއާއަށް އައިސް އުޅުނު ކުދިންތަކެެކެވެ. މީގެ ކުރިންވެސް މި ކުދިން އެތަނަށް ފެންވަރަށް ދާ ކަމަށް ވެއެވެ. އެހެން ނަމަވެސް މީގެ ކުރިން މިފަދަ ހާދިސާއެއް ހިނގާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު