ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 37،347 އަށް އަރައިފިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ނިރުބަވެރި އިސްރާއީލުން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާތަކެއްދީ 10 މީހަކު ޝަހީދުކޮށްލާފައެވެ. އަދި މި ހަމަލާތަކުގައި ގިނަ ބަޔަކު ވަނީ ޒަހަމްކޮށްލާފައެވެ.

ފާއިތުވި 24 ގަޑިއިރު ޣައްޒާއިން 10 މީހަކު ޝަހީދުކުރުމާއި އެކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 37،347 އަށް އަރާފައި ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް 85،372 އަށް އަރާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އެގޮތުން ޝަހީދުކޮށްލާފައިވާ މީހުންގެ ތެރެއިން 15000 މީހުންނަކީ ކުޑަކުދިން ކަމަަށް ބައެއް ރިޕޯޓްތަކުން ބުނެއެވެ.

ނިރުބަވެރި އިސްރާއީލާއި ޣައްޒާއާއި ދެމެދު މިހާރު ކުރެވެމުން އަންނަ ހަނގުރާމައަކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިސްރާއީލާއި ދެކޮޅަށް ދިން ހަމަލާއާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދެމުން އަންނަ ހަމަލާތަކެކެވެ.