ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ނޫސްވެރިއަކު ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާއިން ބުނީ، ޝަހީދު ކޮށްލާފައިވަނީ ފަލަސްތީނު އޮންލައިންގައި މަސައްކަތް ކުރަމުން އައި މުހްމޫދު ޤާސިމް ނަމަކަށް ކިޔާ ނޫސްވެރިއެއް ކަމަށެވެ.

އޭނާ ޝަހީދުކޮށްލާފައިވާ ކަމަށް އެ ނޫހުން ރިޕޯޓް ކުރި ނަމަވެސް، އޭނާ ޝަހީދުކޮށްލާފައިވަނީ ކޮން ސަރަހައްދެއްގައި ކޮން ވަގުތަކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ފަލަސްތީން އޮންލައިންގެ ނޫސްވެރިއަކު ޝަހީދުކޮށްލުމާއި އެކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޝަހީދުކޮށްލި ނޫސްވެރިންގެ އަދަދު ވަނީ 151 އަށް އަރާފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ހަމަލާތަކެއް ދެމުން އަންނަނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިސްރާއީލާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމާއި ގުޅިގެންނެވެ. މި ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 37،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.