ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ރަސްމީ ދަތުރުފުޅެއްގައި އުތުރު ކޮރެއާ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެެ ކަމަށް ރަޝިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ރައީސް ޕުޓިން އުތުރު ކޮރެއާއަށް ވަޑައިގަންނަވާނީ އަންނަ އަންގާރަ ދުވަހު ކަމަށް ރަޝިއާގެ ރިއާސީ ގަނޑުވަރު ކްރެމްލިންއާ ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮންއުން މި ދިޔަ އަހަރު ވަނީ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގެން ރައީސް ޕުޓިންއާ އެކީ މާލީ އަދި އަސްކަރީ ގޮތުން ދެ ގައުމުގެ މެދުގައިވާ ގުޅުންތައް ބަދަހިކުރަން މަޝްވަރާ ކޮށްފައެވެ. މި ދަތުރުފުޅު ގައި އުތުރު ކޮރެއާގެ ލީޑަރު ވަނީ ޕުޓިންއަށް އުތުރު ކޮރެއާ އަށް ޒިޔާރަތް ކުރެއްވުމަށް ދައުވަތު ދެއްވާފައެވެ. އަދި ރަޝިއާގެ ރައީސް ވިލެޑްމިއަރ ޕޫޓިން ވަނީ އެ ދައުވަތު ޤަބޫލުފުޅުކުރައްވާފައެވެ.

ރަޝިއާގެ ރައީސްގެ ދަތުރުފުޅަށް ހަފްތާއަކަށް ވެފައިވާ އިރު އުތުރު ކޮރެއާ އިން ދަނީ މި ދަތުރަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެ ގޮތުން ދެކުނު ކޮރެއާ އަދި އެމެރިކާ އިން ހާމަ ކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ވެސް އުތުރު ކޮރެއާއިން މި ދަތުރަށް މިހާރު ވަމުންދާ ތައްޔާރީތައް ވަނީ ފެނިފައެވެ.

ރަޝިއާ އާއި އުތުރު ކޮރެއާގެ ގުޅުންތައް ހަރުދަނާވަމުންދާތީ އެމެރިކާ އާއި ދެކުނު ކޮރެއާގެ އިތުރުން ޖަޕާނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރަޝިއާ އިން މި ކަމުގެ ރައްދުގައި ބުނެފައިވަނީ އުތުރު ކޮރެއާ އަދި ރަޝިއާ އަކީ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާއި އެ ދެ ގައުމުގެ ގުޅުމުގެ ސަބަބުން އެހެން ގައުމުތަކުން ކަންބޮޑުވާކަން ނުޖެހޭ ކަމަށެވެ.

މި ދަތުރުފުޅަކީ ރަޝިއާގެ ރައީސް ވިލެޑްމިއަރ ޕޫޓިން އުތުރު ކޮރެއާ އަށް ކުރައްވާނެ ދެ ވަނަ ރަސްމީ ދަތުރުފުޅެވެ. ރައީސް ފުޓިން އެންމެ ފުރަތަމަ އުތުރު ކޮރެއާ އަށް ވަޑައިގަތީ 2000 ވަނަ އަހަރުއެވެ. އެއީ އެމަނިކުފާނު ރަޝިއާގެ ރައީސް ކަމާއި ފުރަތަމަ ހަވާލުވި އަހަރެވެ. ރައީސް ޕުޓިން ދެވަނަ ފަހަރަށް އުތުރު ކޮރެއާ އަށް މި ވަޑައިގަންނަނީ 24 އަހަރު ފަހުންނެވެ.